ފަރުދުން
ދަރިފުޅުގެ ފިޓްނަސްއަށް އެހީވުމަށް ފެށި މަސައްކަތް ބަދަލުކޮށްލީ ރިޔާޒްގެ ދިރިއުޅުން
ފިޓްނަސް އިންސްޓްރަކްޓަރ ރިޔާޒް---
ފިޓްނަސް ދާއިރާއިން އެކިގޮތްގޮތުން ކުރިޔަށްދާ ގިނަ މީހުންނަކީ، އެ ދާއިރާއަށް އޮންނަ ޝައުގުވެރިކަމެއްގެ ސަބަބުން އެ ދާއިރާ ޚިޔާރުކުރާ ފަރާތްތަކެވެ. އަދި ބައެއް ފަރާތްތަކަށް އެ މީހުންނަށް ކުރިމަތިވާ ޞިއްހީ މައްސަލަތަކެއްގެ ސަބަބުން ވެސް ފިޓްނަސްގެ ދާއިރާއަށް ވަދެވިފައި އެބަހުއްޓެވެ. އެގޮތުން މި ފަހަރު މި ގެނަސްދެނީ މުޅިން ތަފާތު ގޮތަކަށް ފިޓްނަސް ދާއިރާއަށް ނިކުމެވުނު ފަރާތެއްގެ ވާހަކައެވެ.
ޙުސެއިން ރިޔާޒް، ނުވަތަ ފިޓްނަސް ދާއިރާގެ އާންމު ނަމުންނަމަ ރިއޯ ކޯޗަށް މި ދާއިރާއަށް ވަދެވުނީ، އޭނާގެ ދަރިފުޅު ކުޅިވަރުގެ ދާއިރާއިން ކުރިއެރުވުމަށް ފެށި މަސައްކަތުގެ ތެރެއިންނެވެ. "ފަރުދުން"އަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި ފިޓްނަސް ދާއިރާއަށް ވަދެވުނު ގޮތް ކިޔާދެމުން ރިޔާޒު ބުނީ، މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ، އޭނާގެ ދަރިފުޅަކީ ހޭންޑްބޯޅަ ކުޅުންތެރިއެއް ކަމުން، ދަރިފުޅުގެ ފިޓްނަސްއަށް އެހީތެރިވެދިނުމަށް ފެއްޓި މަސައްކަތުގެ ތެރެއިން ކަމަށެވެ.
އަޅުގަނޑަށް މި ދާއިރާއަށް އަސްލު ބޮޑަށް ވަދެވުނީ، އަޅުގަނޑުގެ ދަރިފުޅު ހޭންޑްބޯލް ޕްލޭޔަރެއްގެ ގޮތުގައި ކުރިއެރުވުމުގެ ގޮތުން އޭނަގެ ފިޓްނަސް ކުރިޔަށް ގެންދިއުމަށް އަޅުގަނޑު ފެއްޓި މަސައްކަތުގެ ތެރެއިން. މި ކަމުގެ ތެރޭގައި އަޅުގަނޑު ބޮޑަށް އިންޓަރެސްޓުވީ މި ދާއިރާއިން ކުރިޔަށް ދާން.
ރިޔާޒު ބުންޏެވެ.
އަދި ފިޓްނަސް ދާއިރާއަށް އުފެދުނު ޝައުގެއްގެ ބޮޑު ކަމުން މި ދާއިރާއިން ކުރިއަރައި އިތުރު ފުރުސަތުތައް ހޯދުމަށް ރިއޯ ކޯޗު ނިންމީ ކޯސްތަކާއި ތަމްރީނުތައް ހެދުމަށެވެ. އެ މަސައްކަތް ވެގެން ދިޔައީ އޭނާގެ ހަޔާތުގައި އިތުރު ދޮރުތަކެއް ހުޅުވާލަދިން ތަޅުދަނޑިއަށެވެ.
އެގޮތުން މިހާރު ފިޓްނަސް ކޯޗެއްގެ އިތުރުން، ބޮޑީ ބިލްޑިން މުބާރާތްތަކުގައި ވެސް ވާދަކުރަމުން އަންނަ ރިޔާޒަކީ، ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބިފައިވާ ފިޓްނަސް އިންސްޓްރަކްޓަރެކެވެ. އޭނާ ބުނީ، މި ދާއިރާއިން ލިބުނު ކުރިއެރުމުގެ އަސްލެއްކަމަށް ޤަބޫލުކުރަނީ، އޭނާގެ އެކުވެރިކަމުގެ ސިފަ އާއި ނަތީޖާ ނެރެދިނުމަށް އޭނާގެ "ކްލަޔަންޓުންނަށް" ކޮށްދެވޭ ބުރަ މަސައްކަތެވެ.
ފިޓްނަސް މުބާރާތްތަކުގައި ވާދަކޮށް އޭނާ ވަނީ ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މި ކާމިޔާބީތަކުގެ ތެރެއިން އޭނާ އެންމެ ފާހަގަ ކުރީ ބައިނަލްއަޤުވާމީ ކާމިޔާބީއެވެ.
އެންމެ ބޮޑަށް އެންމެ ހިންހަމަޖެހޭ ކާމިޔާބަކަށް އަޅުގަނޑަށް ލިބިފައި ވަނީ ބައިނަލްއަޤުވާމީ މުބާރާތަކުން ލިބުނު ކާމިޔާބީ. އެ ފަހަރު އަޅުގަނޑަށް ހޯދުނީ ވަރަށް އުއްމީދުކޮށްގެން ހުރި ނަތީޖާއެއް. އެއީ ދިވެހިރާއްޖޭގެ ޤައުމީ ދިދަ އަޅުގަނޑުގެ ކޮނޑު މަތީގައި ބައިންދާލެވުނު ދުވަހެއް. އެއީ ވަރަށް ހިންހަމަޖެހުނު ދުވަހެއް.
ރިޔާޒު ބުންޏެވެ.
ރިޔާޒު ބުނީ، ބޮޑީބިލްޑިން މުބާރާތަކަށް ތައްޔާރު ވެވޭނީ ވަރަށް ހިތްވަރާއެކު މަސައްކަތްކޮށް، ކެތްރެރިކަން ހުރެގެން ކަމަށެވެ. އެގޮތުން މުޅި އަހަރުގެ ތެރޭގައި، ފަރުވާ ކުޑަނުކޮށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ބުންޏެވެ. ރެސްޓެއް ނެތި މުޅި އަހަރު ދުވަހު އެކަމަށް މަސައްކަތްކުރަންޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މިހާރު ކަސްރަތުގެ ތެރޭގައި ނޫޅޭ ފަރާތްތަކަށް ރިޔާޒު ދިން މެސެޖުގައި އޭނާ ބުނީ، ޤަވާއިދުން ކަސްރަތު ނުކުރާ ފަރާތްތަކުން ވެސް، މިކަމުގެ ތެރެއަށް ވަނުން މުހިންމު ކަމަށެވެ. އަދި ޝިއްޙީ ގޮތުން ބަލާއިރުވެސް ކަސްރަތު ކުރުމަކީ ހަށިގަނޑަށް ވަރަށް މުހިންމުކަމެއްކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
ނިންމާލުމުގެ ކުރިން ރިޔާޒު ބުނީ، ކަސްރަތުކުރުމަކީ ޞިއްޙީ ގޮތުން ބަލާއިރުވެސް މުހިންމު ކަމެއް ކަމުގައެވެ. އެހެންކަމުން ކަސްރަތަކީ ތިމާގެ އަމިއްލަ ނަފްސަށް ކޮށްދޭ ކަމެއްކަމަށް ބަލައިގެން، ރަނގަޅު ސިއްޙަތެއްގައި ދެމިހުރުމަށް ޤަވާއިދުން ކަސްރަތުކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
އަދި މި ދާއިރާއިން ނިކުންނަން ބޭނުންވާ ފަރާތްތަކަށް ދިން މެސެޖުގައި ބުނީ، ވަކި ބަޔަކަށް ބަލައިގެން ކަންކަން ކުރަން ނުތިބެ، ކަންކަން ކާމިޔާބުކުރުމަށް އަމިއްލައަށް ބުރަކޮށް މަސައްކަތް ކުރުމަށެވެ.