ޚަބަރު
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ 2 ވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ފަށައިފި
ހޮވުމުގެ މަރުޙަލާގެ ތެރެއިން/ފޮޓޯ: ވުޒާރާ
ދިވެހި ވަޠަނީ ޚިދުމަތް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ޕްރޮގްރާމްގެ 2 ވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާކަމަށް ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނުގެ ދެވަނަ ބުރަށް ވެސް 350 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ބައިވެރިން ވެސް ޅ. މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނުތައް ފުރިހަމަކުރާނެ ކަމަށެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް އުފެއްދުމެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކުރުމެވެ.
މި ޕްރޮގްރާމުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ފަށާފައިވަނީ ށ. ފުނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ލ. ގަން، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީގައެވެ. އެގޮތުން، މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ފުރިހަމަކުރާނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނެގުމުގައި އަމަލުކުރާނީ ޕްރޮގްރާމަށް ހުށައަޅާފައިވާ ތަރުތީބުން ލިސްޓް ތަރުތީބުކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެންކަމަށް ދިފާޢީ ވުޒާރާއިން މީގެ ކުރިން ވިދާޅުވިއެވެ. އަދި ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީން ފެށޭނެކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
މި ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ.