ޚަބަރު
މަސްވެރިންގެ ދަފްތަރުގައި 80 އިންސައްތަ އުޅަނދު ރަޖިސްޓްރީކޮށްފި
ރާއްޖޭގެ މަސްދޯންޔެއް ފޮޓޯ:ޕީއެސްއެމް
މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް 80 އިންސައްތަ އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ދަފްތަރު އެކުލަވާލަނީ މަސްވެރިކަމަކީ ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.
މިއަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އިފްތިތާހުކުރެވުނު މި ދަފްތަރުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލާ، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުމެވެ.
ވަޒީރު ޝިޔާމް ވިދާޅުވިގޮތުގައި، މި ދަފްތަރު އެކުލަވާލުމަށް އެ ވުޒާރާގެ 30 އަށްވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ 15 އަތޮޅަކަށް ދަތުރުކޮށްފައިވެއެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން 350 އުޅަނދު ދަފްތަރުކުރެވިފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ފްލީޓްގައި މިހިމެނެނީ 460 ނުވަތަ 470 ވަރަކަށް އުޅަނދުގެ ތެރެއިން. އެއީ ގާތްގަނޑަކަށް 2100 ވަރަކަށް ފަޅުވެރިން އެ އުޅަނދުތަކުގައި ރަޖިސްޓަރ ކުރެވިފައި އެބަހުރި. އަޅުގަނޑުމެން ބަލާލާއިރުގައި އުޅަނދަކަށް ގާތްގަނޑަކަށް 7 ފަޅުވެރިންގެ ނިސްބަތުން މިހުރީ ރަޖިސްޓަރ ކުރެވިފައި
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ރާއްޖޭގެ މަސްދޯނިފަހަރުގެ ހުރިހައި އޮޑިވެރިންނަށް އެ ދޯނިފަހަރުތައް ދަފްތަރުކުރުމަށް ގޮވާލާފައެވެ. އަދި މި ނިޒާމަކީ ފަޅުވެރިންނަށް ފަސޭހަކަން ގެނުވާނެ ނިޒާމެއްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށް ވިދާޅުވެފައެވެ.
މި ދަފްތަރު އެކުލަވާލުމަކީ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، މަސްވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.