Ads by Farudhun

ޚަބަރު

އެމްޓީޑީސީގެ އައު އިމާރާތް ހުޅުވައިފި

އެމްޓީޑީސީގެ އައު އިމާރާތް ހުޅުވައިފި

އެމްޓީޑީސީ---

farudhun logo

ފަރުދުން

01 ނޮވެމްބަރު 2026، 10:45

01 ނޮވެމްބަރު 2026، 10:45

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކޮށްފައިވާ "އެމްޓީޑީސީ އޮފީސް ކޮމްޕްލެކްސް" އަކީ 6,194 އަކަފޫޓުގެ ބިމެއްގައި ބިނާކޮށްފައިވާ 10 ބުރީގެ ޒަމާނީ އިމާރާތެކެވެ. ބޭރުން އެއްކޮޅުން އަނެއްކޮޅަށް ބިއްލޫރި ޖަހައިގެން ފަރުމާކޮށްފައިވާ މި ލަގްޒަރީ އިމާރާތުގައި ބޭސްމަންޓް ޕާކިންއެއްގެ އިތުރުން ތިން ލިފްޓާއި ޚާއްސަ ކޮންވެންޝަން ހޯލެއް ވެސް ވަނީ ހިމަނާފައެވެ.

މި އިމާރާތް ރަސްމީކޮށް ހުޅުވުމަށްޓަކައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުޙައްމަދު ވިދާޅުވީ، މިރޭ ހުޅުވިގެންދިޔަ މި ޓަވަރާއެކު އެ ކުންފުންޏަށް ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭނެ ތިންވަނަ ބިނާ އުފެދުނީ ކަމަށެވެ. އަދި މިއީ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހާރިސް އިތުރަށް ވިދާޅުވީ، ކުންފުނީގެ 20 އަހަރުވީ ދިގު ތާރީޚުގައި މާބޮޑު ކާމިޔާބީއެއް މިހާތަނަށް ހާސިލްކުރެވިފައި ނުވި ނަމަވެސް، ކުރިއަށް އޮތް މުސްތަގުބަލުގައި ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތައް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އެހެން އެއްވެސް ފަރާތަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިއަށްދިއުމަށްޓަކައި ބޯޑާއި މެނޭޖްމެންޓުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން، މާލެ ސަރަހައްދުގައި ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ އިތުރު ބިނާއެއް އަޅައި، އެއީ ވެސް ކުންފުންޏަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމެންޓުން މަޝްވަރާކޮށް މަސައްކަތްތައް ފަށާފައިވާކަން އެމްޑީ ހާމަކުރެއްވިއެވެ.

ހުޅުމާލޭގައި މިރޭ ހުޅުވި އެމްޓީޑީސީގެ އައު އިމާރާތަކީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު 30 މެއި 2022 ގައި ވެވުނު ބިމުގެ އެއްބަސްވުމެއްގެ ދަށުން ތަރައްގީކުރި ތަނެކެވެ. މި އިމާރާތުގެ އަމަލީ މަސައްކަތް ފަށައި، ބިންގާ އަޅާފައިވަނީ 8 ފެބުރުވަރީ 2023 ގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450