ޚަބަރު
ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބާއްވާ "ލޯކަލް ޕޮލިސިންގ ކޮންފަރެންސް" 170 ބައިވެރިންނާއެކު ފަށައިފި
ކޮންފަރެންސް/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ހިޚިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ "ލޯކަލް ޕޮލިސިންގ ކޮންފަރެންސް" 170 ބައިވެރިންނާއެކު ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމުގެ ގޮތުން ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާންއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަހާތަކުގެ އިސްވެރިންނާއި، އިސް މުވައްޒަފުން ބައިވެރިވެލައްވާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިހިނގާ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިޔަލަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޯކަލް ޕޮލިސިންގ ކޮންފަރެންސަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރު ކުރުމުގެ ގޮތުން ބާއްވާ ކޮންފަރެންސެއް ކަމަށެވެ.
އަދި މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.