ޚަބަރު
އައްޑޫ ސިޓީ ހިތަދޫގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ވަގުތީ ހިޔާއެއް ޤާއިމުކުރަނީ
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ
އައްޑޫ ސިޓީ ހިތަދޫގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ވަގުތީ ހިޔާއެއް ޤާއިމުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިޔަށް ގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" މަޝްރޫޢުގެ ދަށުން ކުރެވޭ ކަމެއްކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި ހިޔާގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަމުގެ އިތުރުން ޤާނޫނީ އެހީތެރިކަމާއި ކައުންސިލިންގެ ޚިދުމަތްތައް ވެސް ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ހުޅުމާލެ އަދި ރ. އުނގޫފާރުގައި ވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ވަގުތީ ހިޔާތައް ޤާއިމުކުރުމަށް މިހާރު ނިންމާފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ވަގުތީ ހިޔާތައް ޤާއިމުކުރެވުމުން، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.