ޚަބަރު
ލ. މާވަށު ހުޅަނގުން 4 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ވަދު ކަނދުފަތި/ފޮޓޯ: ވުޒާރާ
ލ. މާވަށު ހުޅަނގުން 4 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި ވަދު ކަނދުފަތީގެ ނަންބަރަކީ M09V01 އެވެ. އަދި މި ކަނދުފަތި ޤާއިމުކޮށްފައިވާ ލޮކޭޝަނަކީ:
'N 1° 53.200
'E 73° 10.500
މިއެވެ.
މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ، އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވާ ފުޅާކުރުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ވަދު ކަނދުފަތި ނަންބަރު: M09V01
— Ministry of Fisheries and Ocean Resources (@MFORmv) December 1, 2025
01 ޑިސެމްބަރ 2025 ވަނަ ދުވަހު ލ.މާވަށުގެ ހުޅަނގުން 4 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި. pic.twitter.com/nTCLCU5pxC
ރާއްޖޭގެ ކަނޑުގެ އެކި ހިސާބުތަކުގައި ކަނދުފަތި ޤާއިމުކުރުމަކީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ދޮށީ ކަނދުފަައްޗާއި، ވަދު ކަނދުފަތި ޤާއިމުކުރުމާއި، ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.
ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް އެ މުޒާރާއިން ވަނީ ފަށާފައެވެ.