ޚަބަރު
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް ސީޕީ ނަވީން ގޮވާލައްވައިފި
ސީޕީ ނަވީން/ފޮޓޯ: ފުލުހުން
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ގޮވާލައިފިއެވެ.
ސީޕީ މިކަމަށް ގޮވައިލެއްވީ، ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ތަމްރީނު ދިނުމަށް ކުރިއަށް ގެންދާ އިންސްޕެކްޓަރ ކޯހުގެ 5 ވަނަ ބުރު ނިންމައި ދަސްވެނިންނަށް ސެޓްފިކެޓް ދިނުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ނަވީން ވަނީ، އެއްބައިވަންތަކަމާއެކު އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާފަ އެވެ. ހަމަ އެހެންމެ، ވަޒީފާގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން، އެއްމިސްރާބަކަށް މަސައްކަތްކޮށް މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ވަނީ އެދިވަޑައިގެންފައެވެ. އަދި ކޯސް ފުރިހަމަކުރި ދަރިވަރުން ޢަމަލީ މައިދާނަށް ނިކުންނައިރު ފުލުހުންގެ ޚިދުމަތުން އުންމީދުކުރާ ޤާބިލިއްޔަތުކަން ދައްކައިދިނުމަށާއި ނަޒާހަތްތެރިކަމާއެކު ލީޑްކުރެއްވުމަށާއި އިންސާފުވެރިކަމާއެކު މަގުދައްކައިދެއްވުމަށް ސީޕީ ނަވީން އިލްތިމާސްކުރެއްވިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި މިއަހަރުގެ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 8 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ޖުމްލަ 30 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. އަދި މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަދުހަމްއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޢަބްދުލްރަހްމާން، އަދި ބައެއް އެގްޒެކެޓިވް އޮފިސަރުން ގެ އިތުރުން، ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.