Ads by Stelco

ޚަބަރު

މިދިޔަ މަހު ފެންލިބުން ދަތިވުމުން ފުވައްމުލަކު ސިޓީގެ މިދިޔަ މަހުގެ ފެން ބިލްތައް މަޢާފްކޮށްދީފި

މިދިޔަ މަހު ފެންލިބުން ދަތިވުމުން ފުވައްމުލަކު ސިޓީގެ މިދިޔަ މަހުގެ ފެން ބިލްތައް މަޢާފްކޮށްދީފި

ފުވައްމުލަކު ސިޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޑިސެމްބަރު 2025، 03:24

02 ޑިސެމްބަރު 2025، 03:24

ޏ. ފުވައްމުލަކު ސިޓީއަށް މިދިޔަ މަހު ފެން ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން، އެ ސިޓީގެ މިދިޔަ މަހުގެ ފެން ބިލްތައް ނުނަގާ ގޮތަށް ފެނަކަ ކޯޕަރޭޝަނުން ނިންމަވައިފިއެވެ.

މި ނިންމެވުމަކީ ފެން ކެނޑުމާއި ޕްރެޝަރ ދަށްވުން ފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ޙައްލުކޮށް، ރަނގަޅު ފެންވަރެއްގައި ފެނުގެ ޚިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ފުވައްމުލައް ސިޓީގެ ފެނުގެ ނެޓްވޯކުގެ މަސައްކަތްތަކެއް ކުރިއިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި، ފެނުގެ ޕްރެޝަރ ދަށްވުން ފަދަ ކަންކަން މެދުވެރިވި ކަމަށް ފެނަކައިން ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން މިދިޔަ މަހުގެ ބިލަށްވާ ފައިސާ ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއްވިއެވެ.

ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނީ، މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ދިމާވި މައްސަލަ ޙައްލުކޮށް ފެން ދޫކުރަން ފަށާފައިވަނީ، މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. މި މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ދިމާވި ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން މި ބިލް މަޢާފްކޮށްދިނުމަކީ، ފެނަކައިން ރައްޔިތުންނަށް ދެއްވި އެއްބާރުލުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ފެނަކައިން ވިދާޅުވީ، ފުވައްމުލަކުގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި ފެނުގެ ޚިދުމަތް މެދުކެނޑި ދިމާވި ދަތި ވަގުތުތަކުގައިވެސް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން