ޚަބަރު
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ހއ. ކެލާގައި 150 ގަސް އިންދުމުގެ ޙަރަކާތެއް ފަށައިފި
ޙަރަކާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ
މި ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. ކެލާގައި 150 ގަސް އިންދުމުގެ ޚާއްޞަ ޙަރަކާތެއް ފަށައިފި އެވެ.
މި ޙަރަކާތަކީ ހއ. ކެލާ ކައުންސިލާއި، އެ ރަށުގެ ސަރުކާރުގެ އެހެނިހެން އިދާރާތަކާއި، ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޙަރަކާތެކެވެ.
މި ޙަރަކާތުގެ ދަށުން ކެލާ ރަށުގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 150 ގަސް އިންދުމަށް ނިންމާފައިވާކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ. ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށް ދަނީ ރަށުގެ ފެހިކަން އިތުރުކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުންނެވެ. އަދި ގަސް އިންދުމުގެ މި ޙަރަކާތުގައި ސްކޫލް ކުދިންނާއި، ކައުންސިލް މެންބަރުންނާއި، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންގެ އިތުރުން ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާކަމަށް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ރަށްތަކުގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، ގަސްގަހާގެހިން މުއްސަނދި ކުރުންކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ހއ. ކެލާގައި ކުރިއަށްދާ މި ޙަރަކާތަކީ، މި ޤައުމީ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ ގަސް އިންދުމުގެ އެތައް ޙަރަކާތެއްގެ ތެރެއިން އެއް ހަރަކާތްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މިއީ ރަށުގެ ރައްޔިތުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މަގުފަހިވާނެ ކަމެއް ކަމަށް އެރަށު ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.