ޚަބަރު
މި ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އިތުރަށް މަސައްކަތް ކުރުން: ވަޒީރު އާދަމް ޝަރީފް
ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ވުޒާރާ
މި ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އިތުރަށް މަސައްކަތް ކުރުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ކ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ކައުންސިލްތަކަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ 'ކާފު ފޯރަމް 2025' ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ފެހި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށެވެ. ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިން ހިފެހެއްޓިފައިވާ އެތައް ބާރުތަކެއް ރައްޔިތުންގެ އަތްމައްޗަށް މިހާރު ދޫކޮށްލާފައިކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ކަންކަން ކުރިއަށް ގެންދާނީ ރަށްރަށުގެ ކައުންސިލުން އަދި ރައްޔިތުން އެދޭ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އަމާޒަކީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތް ކުރުން، މި ނިޒާމުގައި ތިބެގެން މަސައްކަތްތަކުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ރަނގަޅުކުރާނީ.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށްތަކުގެ ކައުންސިލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވި ބައްދަލުވުންތަކުގައި ވެސް ކައުންސިލުން ހުށަހަޅައި ގޮތް ގޮތަށް ކަންކަން ގެންދިޔުމަށް ވަރަށް ބޮޑަށް ރައީސް މަސައްކަތްކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކާފު ފޯރަމަކީ މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދިޔަ ވަރަށް ކާމިޔާބު ފޯރަމެއް ކަމަށާއި އަދި މިއީ ވަރަށް ބޭނުންތެރި ފޯރަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެލްޖީއޭގައި މި ވަގުތު ތިއްބެވި ބޭފުޅުންނަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކަމަށެވެ.