ދުނިޔެ

ޣައްޒާގައި އިޒްރޭލުން ދިން ހަމަލާތަކެއްގައި ނޫސްވެރިޔަކު ހިމެނޭ ގޮތަށް ތިން މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގައި އިޒްރޭލުން ދިން ހަމަލާތަކެއްގައި ނޫސްވެރިޔަކު ހިމެނޭ ގޮތަށް ތިން މީހަކު ޝަހީދުކޮށްލައިފި

ޝަހީދެއްގެ އާއިލާއިން ހިތާމަކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޑިސެމްބަރު 2025، 05:36

02 ޑިސެމްބަރު 2025، 05:36

އިޒްރާއިލްގެ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ތިން ރައްޔިތުން މިއަދު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ހަމަލާތަކަކީ އޮކްޓޯބަރު މަހުގެ ކުރީކޮޅު ހެދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ ދީފައިވާ ހަމަލާއެކެވެ. ޝަހީދުވި މީހުންގެ ތެރޭގައި އިޒްރޭލުގެ ޑްރޯން ހަމަލާއެއްގައި ޝަހީދުވި ނޫސްވެރިއަކު ހިމެނެއެވެ.

މެޑިކަލް މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި އިޒްރޭލުގެ ސިފައިން ވަނީ މެދުތެރޭ ޣައްޒާގެ އަލް-ބުރެއިޖް ކޭމްޕާއި ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގައި ފަލަސްތީނުގެ ދެ ރައްޔިތުން ޝަހީދުކޮށްލާފައެވެ. އަދި ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ދިން ޑްރޯން ހަމަލާއެއްގައި ފޮޓޯ ޖާނަލިސްޓް  މަޙްމޫދު ވަދީ ވެސް ޝަހީދުކޮށްލާފައިވެއެވެ.

މީގެ ކުރިން، ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ސިވިލް ޑިފެންސް އޮފީހުން ބުނެފައިވާ ގޮތުގައި، އިޒްރޭލުގެ ސިފައިން ވަނީ ރޭ ތުއްފާހް އަވަށުގެ ސައްނާފޫރު ސަރަހައްދުގައި ހިމާޔަތް ހޯދައިގެެން ތިބި އާއިލާތަކެއްގެ ގެތަކާއި މީހުން ބޭނުންކުރާ އިމާރާތަކަށް ބަޑީގެ ހަމަލާތަކާއި ޑްރޯން ހަމަލާތައް ދީ، އެތައް އާއިލާއެއް ވަށާލާފައެވެ. މި ހަމަލާތަކުގައި ދެ ކުދިންނާއި އަންހެނަކު ހިމެނޭ ގޮތަށް ފަސް އާންމު މީހުން ޒަޚަމްވެފައިވެއެވެ.

އ.ދ. ގެ އިންސާނީ އެހީތެރިކަން ދިނުމާބެހޭ އޮފީސް (އޯޗާ) އާ ގުޅިގެން މި އާއިލާތައް އެ ސަރަހައްދުން ބޭރުކުރެވުނެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާ ސިޓީގެ އިރުމަތީގައިވާ އަލް-ޝާފް ސަރަހައްދުގައި ބޮން އަޅާފައިވާ ރޮބޮޓެއް ގޮއްވާލާފައިވާއިރު، ޣައްޒާގެ އުތުރުގައި ހުރި އިމާރާތްތަކެއް ތަޅާލުމުގެ އޮޕަރޭޝަންތައް ވެސް ހިންގާފައިވެއެވެ. މީގެ އިތުރުން ޖަބާލިޔާއަށް ވައިގެ ހަމަލާތައް ދީ، މެދުތެރޭ ޣައްޒާގެ ބުރެއިޖް ކޭމްޕަށް ބަޑީގެ ހަމަލާތައް ވެސް ދީފައިވެއެވެ. މި ހަމަލާތަކަކީ އޮކްޓޯބަރު 10 ގައި ބާރުލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ޢަމަލުތަކެކެވެ. އެ އެއްބަސްވުމުގައި ބުނެފައިވަނީ "ވައިގެ އަދި ބަޑީގެ ހަމަލާތައް ހިމެނޭ ހުރިހާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލާނެ" ކަމަށެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން އާދިއްތަ ދުވަހު ބުނި ގޮތުގައި، އިޒްރޭލުން ވަނީ އޮކްޓޯބަރު 10 އިން ފެށިގެން 50 ދުވަހުގެ ތެރޭގައި މަދުވެގެން 591 ފަހަރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، ސަތޭކަޔަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައެވެ. އެއޮފީހުން ބުނި ގޮތުގައި، މި ޚިލާފުވުންތަކުގައި 357 އާންމު މީހުން ޝަހީދުވެ، 903 މީހުން ޒަޚަމްވެފައިވާއިރު، ޝަހީދުވި މީހުންގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ.

މީޑިއާ އޮފީހުން އިތުރަށް ބުނި ގޮތުގައި، އިޒްރޭލުން ވަނީ 164 ފަހަރު އާންމު ރައްޔިތުންނަށް ބަޑި ޖަހާފައިވާއިރު، "ރީނދޫ ރޮނގު"ން ބޭރުގައިވާ ރަށްފުށުގެ ސަރަހައްދުތަކަށް 25 ފަހަރު އަރާ، ޣައްޒާއަށް 280 ފަހަރު ބޮން އަޅާ އަދި ބަޑީގެ ހަމަލާތައް ދީ، 118 ފަހަރު މީހުންގެ މިލްކިއްޔާތު ތަކެއްޗަށް ގެއްލުން ދީ ނައްތާލާފައިވެއެވެ. އަދި މި 50 ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ޣައްޒާގެ 38 ފަލަސްތީނުގެ ރައްޔިތުން ރަހީނުކޮށްފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން