ޚަބަރު
ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ލަންކާއާއެކު މުހިންމު މަޝްވަރާތަކެއް
ޗީފް އޮފް ޑިފެންސް ފޯސް، ލަންކާގެ ޗީފް އޮފް ސްޓާފްއާ ބައްދަލުކުރެއްވުން. / ފޮޓޯ: ލަންކާ ނޭވީ.
ފަރުދުން
02 ޑިސެމްބަރު 2025، 06:38
02 ޑިސެމްބަރު 2025، 06:38
ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ސްރީލަންކާއާ އެެކުގައި މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ދިޔައީ، ލަންކާގެ ނޭވީއަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސް ވަނީ ލަންކާގެ ނޭވީގެ ޗީފް އޮފް ސްޓާފް ރިއަރ އެޑްމިރަލް، ޑޭމިއަން ފަނާންޑޯއާ ބައްދަލުކުރައްވާފައެވެ.
ލަންކާގެ ނޭވީ ހެޑްކުއާޓަރޒްއިން ޗީފް އޮފް ޑިފެންސް ފޯސްއަށް މަރުޙާބާ ކިޔުމުގެ ގޮތުން، ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ. އެއަށް ފަހު، ދެ ބޭފުޅުން ބައްދަލުކުރައްވައި، ދިފާޢީ ގޮތުން ދެ ޤައުމުގެ ގުޅުން ބަދަހިކުރެވޭނޭ ދާއިރާތަކާ ގުޅޭ ގޮތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
ސްރީލަންކާ ނޭވީއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، އެމް.އެން.ޑީ.އެފް. ކޯސްޓްގާޑްގެ ޝިޕް ހުރަވީ ވެސް މިހާރު ވަނީ ސްރީލަންކާއަށް ގޮސްފައެވެ. މިއީ ޢަސްކަރީ ޙަރަކާތެއްގައި ބައިވެރިވުމުގެ ދަޢުވަތު ލިބިގެން ރާއްޖެއިން ބޭރު ޤައުމަކަށް އެމް.އެން.ޑީ.އެފް.ގެ އުޅަނދެއް ކުރި ފުރަތަމަ ދަތުރު ކަން ފާހަގަކުރެވެއެވެ.
2016ވަނަ އަހަރު ބޭއްވި ފްލީޓް ރިވިޔުގައި ވެސް އެމް.އެން.ޑީ.އެފް. ކޯސްޓްގާޑް ޝިޕް ހުރަވީ ވަނީ ބައިވެރިވެފައެވެ. އެހެނަސް، އިންޑިޔާގައި ބޭއްވި ފްލީޓް ރިވިޔުގައި ޝިޕް ހުރަވީ ބައިވެރިވެފައިވަނީ ރިީފިޓްކުރުމަށް އިންޑިޔާއަށް ކުރި ދަތުރުގެ ތެރެއިންނެވެ.
ނޮވެންބަރު 27އިން ފެށިގެން 30ވަނަ ދުވަހުގެ ނިޔަލަށް އިންޓަރނޭޝަނަލް ފްލީޓް ރިވިޔުއާ ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރެއިން، ސެރެމޯނިޔަލް ފްލީޓް ރިވިޔުއާއި، ސިޓީ ޕެރޭޑާއި، ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކާއި، ޕްރޮފެޝަނަލް ނޭވަލް އެކްސްޗޭންޖްތަކުގައި އެމް.އެން.ޑީ.އެފް. ކޯސްޓްގާޑްގެ ޝިޕް ހުރަވީގެ ސިފައިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، ޕަބްލިކް އެންގޭޖްމަންޓް ޙަރަކާތްތަކުގެ ތެރެއިން އެމް.އެން.ޑީ.އެފް. ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ވެސް ހުޅުވާލިއެވެ.