ޚަބަރު
ޤައުމަށް ގެނެވޭ އިޞްލާޙީ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްދިއުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމު: ފަސްޓް ލޭޑީ
މެޑަމް ސާޖިދާ މުޙައްމަދު/ފޮޓޯ: ރައީސް އޮފީސް
ޤައުމަށް ގެނެވޭ އިޞްލާޙީ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްދިއުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަނީ، އެޗްޑީސީގެ ވެބްސައިޓްގެ އެކްސެސިބިލިޓީ ފީޗަރއެއް ކަމަށްވާ، އޭ.އައި ބޮޓް "މިތުރު" ތަޢާރަފުކުރައްވާފައެވެ. އެ ބޮޓް މެދުވެރިކޮށް، ވެބްސައިޓްގެ ތަޖުރިބާ މުއްސަނދިވެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ޝާމިލު މުޖުތަމަޢެއް ބިނާކުރުން ފަދަ ކަންކަމުގައި ޤައުމަށް ގެނެވޭ އިޞްލާޙީ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ހަމަ އެހެންމެ، އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ، ދިވެހީންގެ ކިބައިގައި ވާ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ސިފަތަކާއި ޝުޢޫރުތައް ހިތްމައްޗަށް ގެނެސް، އެ ގޮތުގައި ޤައުމާއިގެން ކުރިއަށްދިއުމަކީ މުސްތަޤުބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން، އަމިއްލަ މަސައްކަތުން އަމިއްލަ އަސާސީ ކަންކަން ފުއްދުމުގެ ޝަރަފުވެރި ފުރުޞަތަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މުޅި ދިރިއުޅުމަށް ހެޔޮ ބަދަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭނެކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން އެފަދަ ފަރާތްތަކަށް ބައްލަވާ އިޙުސާންތެރި ނަޒަރާއި، އެ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިސްކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ، މިއަދު ރާއްޖެ މިސްރާބުވެފައި ވަނީ އެންމެން ބައިވެރިވާ، އެކަކުވެސް ބާކީ ނުވާ މުޖުތަމަޢެއް ބިނާކޮށް، ހުރިހާ މާނައެއްގައި ދިވެހީންގެ ޤައުމެއް ބިނާކުރުމާ ދިމާއަށް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، އެޗްޑީސީގެ ވަޒީފާއާ ގުޅިވަޑައިގެންނެވި ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.