ޚަބަރު
ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް ގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި
ދިވެހިރާއްޖެއާއި ލާއޯގެ ދިދަ/ފޮޓޯ: ޝަޓަރސްޓޮކް
ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.
ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރު ތޮންގްސަވަންހ ފޮމްވިހާން އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކްގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ.
ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި ލާއޯ އާއި ދެމެދު އޮތް އެކުވެރި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވަނީ، ލާއޯގެ ޚާރިޖީ ވަޒީރު ތޮންގްސަވަންހ ފޮމްވިހާން އަށް ދުޅަހެޔޮ ޞިއްޙަތާއި ލާއޯސް ގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގެންފައެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.