ޚަބަރު
މޯލްޑިވްސް ވިޒިޓަރ ސަރވޭގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވީއައިއޭ އިން ރަސްމީކޮށް ފަށައިފި
ސަރވޭގެ ތެރެއިން/ފޮޓޯ: ވުޒާރާ
މޯލްޑިވްސް ވިޒިޓަރ ސަރވޭގެ ދަށުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ވީއައިއޭ އިން ރަސްމީކޮށް ފަށައިފިއެވެ.
ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސަރވޭގެ ދަށުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މޯލްޑިވްސް ވިޒިޓަރ ސަރވޭއަކީ ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ ފަރާތުން މަޢުލޫމާތު އެއްކުރުމަށް ހިންގާ "އެގްޒިޓް ސަރވޭ" އެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ސަރވޭގެ ތެރެއިން ފަތުރުވެރިންގެ ޑެމޮގްރަފިކްސް (ޖިންސާއި އުމުރު ފަދަ މަޢުލޫމާތު)، ރާއްޖޭގައި ކުރެވުނު ތަޖުރިބާތަކާއި، ރާއްޖޭގެ ޓޫރިޒަމްގެ އުފެއްދުންތަކާއި ޚިދުމަތްތަކާ ބެހޭ ގޮތުން ފަތުރުވެރިން ދެކޭ ގޮތްފަދަ މުހިންމު މަޢުލޫމާތުތައް އެއްކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ހަމަ އެހެންމެ، މިފަދަ މަޢުލޫމާތުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި، ދެނެގަތުންތަކަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ މުހިންމު ބާރުތަކެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގެ މާކެޓުގައި ރާއްޖެއަކީ އެންމެ ކުރީގައި އޮންނަ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވާދަވެރިކަން ވަރުގަދަކުރުމުގައި ވެސް މި ސަރވޭގެ ނަތީޖާތަކުން މުހިންމު ދައުރެއް އަދާކުރާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވާ، ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލަކަށް ހެދުމަށް އަދުގެ ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.