ކުޅިވަރު
އިނގިރޭސި ލީގުގައި އެންމެ އަވަހަށް 100 ގޯލު ހަމަކުރި ކުޅުންތެރިޔާގެ ޝަރަފު ހާލަންޑު ހޯދައިފި
އާރލިން ހާލަންޑު 100 ގޯލު ހަމަކުރި މެޗަށް ފަހު / ފޮޓޯ: އޭޕީ
އިނގިރޭސި ޕްރިމިއަރ ލީގުގައި އަންގާރަ ދުވަހުގެރޭ 5-4އިން ފުލަމް ބަލިކުރި މެޗުގައި އެ ޓީމު ކޮޅަށް 17ވަނަ މިނެޓުގައި މެންޗެސްޓަރ ސިޓީގެ އާރލިން ހާލަންޑު ކާމިޔާބުކުރި ގޯލާއެކު، އެ ލީގުގައި އެންމެ އަވަހަށް 100 ގޯލު ހަމަކުރި ކުޅުންތެރިޔާގެ ޝަރަފު އޭނާ ހޯދައިފިއެވެ.
މި ޝަރަފު ހާލަންޑު ހޯދާފައި މިވަނީ 111 މެޗުން 100 ގޯލު ޖަހައިގެންނެވެ.
މި ޝަރަފު ކުރިން އޮތީ، 1995ވަނަ އަހަރު 124 މެޗުން 100 ގޯލު ހަމަކުރި އަލަން ޝިއަރާރގެ އަތުގައެވެ. އެހެންކަމުން، ޝިއަރާރގެ މި ޒަމާންވީ ޝަރަފު ހާލަންޑަށް މި އެނބުރުނީ 20 އަހަރު ފަހުންނެވެ.
100 - Erling Haaland is the 35th player to score 100 goals in the @premierleague. It has taken him just 111 appearances, 13 fewer than the previous fastest (Alan Shearer in 124 apps). Phenomenon. pic.twitter.com/lDnLRSecxL
— OptaJoe (@OptaJoe) December 2, 2025
2022ވަނަ އަހަރުގެ ޖުލައި މަހު ސިޓީއާ ގުޅުނު ނޯރވޭގެ މި ކުޅުންތެރިޔާ 100 ގޯލަށް ކުރިދަތުރުގައި އޭނާ މިވަނީ ޕްރިމިއާރ ލީގުގެ ވަރުގަދަ ލެޖެންޑުންތަކެއް ފަހަތަށް ޖައްސާލާފައެވެ. މި ލިސްޓުގައި މިހާރު ދެވަނައަށް އޮތް ޝިއަރާރއަށްފަހު ދެން ހިމެނެނީ ތިއެރީ އޮންރީ (141 މެޗު)، ސާރޖިއޯ އަގުއެރޯ (147 މެޗު) އަދި މުޙައްމަދު ޞަލާހް (162 މެޗު)އެވެ.
އެންމެ އަވަހަށް ޕްރިމިއަރ ލީގުގައި 100 ގޯލު ހަމަކުރި ކުޅުންތެރިޔާގެ ޝަރަފު ގެއްލުނުކަމުގައިވިޔަސް، ޝިއަރާރގެ އަތުގައި އަދި ވަރުގަދަ ރެކޯޑެއް އެބައޮތެވެ. އެއީ ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑެވެ. 1992 އިން ފެށިގެން 2006ވަނަ އަހަރާއި ހަމައަށް، ބްލެކްބާރން ރޯވާސް އާއި ނިއުކާސްލް ޔުނައިޓެޑުގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ވަނީ 260 ލީގު ގޯލު ކާމިޔާބުކޮށްފައެވެ. މި ރެކޯޑު މުގުރާލަން ހާލަންޑަށް އަދި ވަރަށް މަސައްކަތްކުރަން ޖެހޭނެއެވެ.
ބޮރޫޝިއާ ޑޯޓުމަންޑުން ސިޓީއަށް ބަދަލުވި ފުރަތަމަ ސީޒަނުގައި ހާލަންޑު ވަނީ 36 ގޯލާއެކު ޕްރިމިއާރ ލީގުގެ ރަން ބޫޓު ހޯދާފައެވެ. އަދި ޖެހިގެން އައި 2023/24ގައި އޭނާ ރަންބޫޓު ދިފާއުކުރީ 27 ގޯލާއެކުއެވެ.
މީގެއިތުރުން، މިދިޔަ ސީޒަނުގައި 22 ގޯލު ކާމިޔާބުކޮށްފައިވާއިރު، މި ސީޒަނުގައި މިހާތަނަށް 14 މެޗުން ވަނީ 15 ގޯލު ކާމިޔާބުކޮށްފައެވެ.
މިހާތަނަށް ހާލަންޑު އެންމެ ގިނަ ގޯލު ޖަހާފައިވަނީ ވޫލްވްސްއާ ދެކޮޅަށެވެ. އެ ކްލަބާ ދެކޮޅަށް 6 މެޗު ކުޅެފައިވާއިރު އޭނާ ވަނީ ޖުމްލަ 10 ގޯލު ކާމިޔާބުކޮށްފައެވެ.