Ads by Stelco

ޚަބަރު

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ ވަޒީރު ޑރ. ރަމީލާ ޢައްޔަންކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ ވަޒީރު ޑރ. ރަމީލާ ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޑިސެމްބަރު 2025، 10:53

03 ޑިސެމްބަރު 2025، 10:53

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޑޮކްޓަރ ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި ޑޮކްޓަރ ރަމީލާ ވަނީ މި މަޤާމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

ޑޮކްޓަރ ޢާއިޝަތު ރަމީލާއަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، އެޗްއާރުސީއެމްގެ މެންބަރު ކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ޑޮކްޓަރ އައިޝަތު ރަމީލާއާ ޙަވާލުކޮށްދެއްވާފައެވެ.

ޑރ. ޢާއިޝަތު ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެކަމަނާ މި މަޤާމަށް ޢައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމާ ގުޅިގެން ހުސްވި ގޮނޑިއަށް ބޭފުޅަކު ހޯދުމުގެ ގޮތުންނެވެ.

ޤާނޫނުގައި ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހުސްވެއްޖެނަމަ ނުވަތަ މަޤާމުގެ މުއްދަތު ހަމަވާނަމަ، އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލަން ޖެހެއެވެ. އަދި، އެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވާނީ، މި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވައި މަޖިލީހުން ފާސްވުމަށްފަހުއެވެ.

ޑރ. ރަމީލާއަކީ، މި ސަރުކާރުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް ފުރަތަމަ ޢައްޔަންކުރެއްވި ވަޒީރެވެ. އެކަމަނާ އެ މަޤާމުން އިސްތިއުފާދެއްވީ، ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވަންޖެހޭއިރު، ޑރ. ޢާއިޝަތު ރަމީލާ ހުވާކުރެއްވުމާ ހެދި މިހާރު ކޮމިޝަނުގައި ތިއްބަވަނީ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމްއާ އެކު ފަސް ބޭފުޅުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން