Ads by Stelco

ޚަބަރު

ފަލަސްޠީން، އުރްދުން އަދި ޖަޕާނަށް ކަނޑައަޅުއްވާ ސަފީރުންނަށް މަޖިލީހުން ރުހުންދީފި

ފަލަސްޠީން، އުރްދުން އަދި ޖަޕާނަށް ކަނޑައަޅުއްވާ ސަފީރުންނަށް މަޖިލީހުން ރުހުންދީފި

ފަލަސްޠީން އުރުދުން އަދި ޖަޕާނަށް ކަނޑައަޅުއްވާފައިވާ ތިން ސަފީރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޑިސެމްބަރު 2025، 12:24

03 ޑިސެމްބަރު 2025، 12:24

އުރުދުންއާއި ފަލަސްޠީން އަދި ޖަޕާނަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ އަދި ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޤައުމުތަކަށް ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި، ނޮން-ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާ ސަފީރުން ޢައްޔަންކުރައްވާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ތިން ޤައުމަށް ސަފީރުން ޢައްޔަން ކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުރުދުންއަށް ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަން ކުރެއްވުމަށް ފޮނުއްވީ، ޑރ. ހާލާ ޙަމީދުގެ ނަންފުޅެވެ. ޑރ. ހާލާއަކީ، ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހާލާ މިހާރު ހުންނެވީ، ޚާރިޖީ ވުޒާރާގެ ބައިލެޓްރަލް ސެކްރެޓަރީގެ މަޤާމުގައެވެ. އުރުދުންއަށް ހާލާ އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ، 63 މެންބަރުންގެ ވޯޓުންނެވެ.

ފަލަސްޠީނަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ، ޑރ. އިބްރާހީމް ޒުހުރީގެ ނަންފުޅެވެ. ޑރ. އިބްރާހީމް ޒުހުރީއަކީވެސް ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި މިހާރު ހުންނެވީ، ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައެވެ. ފަލަސްޠީނަށް ކަނޑައަޅުއްވާ ސަފީރަަކަށް ޑރ. އިބްރާހިމް ޒުހުރީ އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ، 62 މެންބަރުންގެ ވޯޓުންނެވެ.

ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ، ކުރީގެ ވަޒީރު އަޙްމަދު މަޙްލޫފުގެ ނަންފުޅެވެ. މަޙްލޫފަކީ، ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ނިމިދިޔަ ވެރިކަމުގައި ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ފުރުއްވާފައެވެ.

 ސިޔާސީ މަސައްކަތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މަޙްލޫފް، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތީ، ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފާސްކުރީ، 60 މެންބަރުންގެ ވޯޓުންނެވެ.

މި ސަފީރުންނަކީ، ރާއްޖެއިން އެމްބަސީތަކާއި ހައިކޮމިޝަންތައް ޤާއިމުކޮށްފައިނުވާ ޤައުމުތަކާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުންނެވެ. މި ސަރުކާރުން ވަނީ، މިހާތަނަށް 27 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރައްވާފައެވެ. މި ޢައްޔަންކުރުންތަކަކީ، ރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން