ޚަބަރު
ހުއްދަ ނެތި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ފުލުހުން ބަންދުކޮށްފި
ބަންދުކުރި ތަން/ފޮޓޯ: ފުލުހުން
ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަންދުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 6 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.ޗއަދި މި ތަންތަނުގެ ތެރެއިން ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ޙަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ. އެގޮތުން، މި ވިޔަފާރިތައް ރިޕޯޓުކުރުމަށް އިޢުލާނު ކުރިތާ ފުރަތަމަ 41 ގަޑިއިރުތެރޭ، ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭ 29 ވިޔަފާރިއެއްގެ ރިޕޯޓު ޢާންމުންގެ ތެރެއިން އެކި ފަރާތްތަކުން ވަނީ ހުށަހަޅާފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.