ދުނިޔެ
އިޒްރާއިލުން ރާމަﷲ ވަށާލައި، ނާބުލުސްގެ ރަށްތަކަށް ހެލިކޮޕްޓަރުން ހަމަލާދީފި
އިޒްރާއިލް ސިފައިން ހުޅަނގުއައްސޭރީގެ މަގުތަކުގައި ހަރަކާތްތެރިވަނީ
އިޒްރާއިލް ސިފައިން ރާމަﷲ ވަށާލައި ބަންދުކޮށް ތޫބާސް އަދި ޤިބްޠިއްޔާގެ ހިސާބުތަކަށް އިޒްރޭލުގެ ހެލިކޮޕްޓަރުން ވަނީ ހަމަލާދީފަ އެވެ.
އިއްޔެ ހެނދުނު ފެށިގެން އިޒްރޭލުގެ ސިފައިން ވަނީ ރާމަﷲގެ އުތުރު އަދި ހުޅަނގު ފަރާތުގެ މަގުތަކާއި ޗެކްޕޮއިންޓްތައް ބަންދުކޮށް، އަސްކަރީ ވަށާލުން ވަރުގަދަ ކޮށްފަ އެވެ. މި ސަރަހައްދުތަކަކީ ރާމަﷲ އާއި ވަށައިގެންވާ އަވަށްތައް ގުޅުވައިދޭ މަގުތަކުގައި ހުންނަ ޗެކްޕޮއިންޓްތަކެއް ކަމުން، އެތައް ހާސް ފަލަސްޠީނުގެ ރައްޔިތުން އެތަންތަނުގައި އެއްވެފައި ވެ އެވެ.
އަލްޖަޒީރާ ނޫހުގެ ރިޕޯޓަރު ބުނެފައިވާ ގޮތުގައި، އިޒްރޭލުގެ ސިފައިން ވަނީ ޢިއްތާރާ އަދި ޢައިން ސީނިޔާ ޗެކްޕޮއިންޓްތަކުގެ ކައިރިއަށް ފަލަސްޠީނުގެ ރައްޔިތުން ދިޔުން މަނާކޮށް، ގޭސް ބޮން އުކާފަ އެވެ. މިކަން ކުރިމަތިވީ، ޢައިން ޢިއްތާރާ ސަރަހައްދުގައި ދެ ސިފައިންނަށް ކުދިކުދި އަނިޔާ ލިބޭ ގޮތަށް ވަޅިން ހަމަލާދިން ކަމަށް ބުނެ، އިޒްރޭލުގެ ސިފައިން ފަލަސްޠީނުގެ ޒުވާނަކު ޝަހީދުކޮށްލުމަށް ފަހުގަ އެވެ.
ހިފާފައިވާ ޤުދުސް (ޖެރޫސަލަމް) ގައި، އިއްޔެ ހަވީރު ސިޓީގެ އުތުރުގައިވާ ވަކިކުރާ ފާރުގެ ކައިރިން އިޒްރޭލުގެ ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްޠީނުގެ ދެ ޒުވާނަކަށް އަނިޔާވި ކަމަށް ޕްރޮވިންސްގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.
މި ދަނޑިވަޅުގައި، އިޒްރޭލުގެ ސިފައިން ވަނީ ޙަސަން ޢާއިދު ބަކުރު މަންޞޫރު ނަމަކަށް ކިޔާ ޒުވާނަކު ހައްޔަރުކޮށްފައެވެ. އެގޮތުން، އިޒްރޭލުގެ ޚާއްޞަ ބާރެއް ކަމަށްވާ "މުސްތަޢުރިބީން" ވަނީ ނާބުލުސްގެ ކަންދީ ސްކޫލާއި ނާބުލުސް ހޮސްޕިޓަލާ ދެމެދުގައިވާ ބައިބްލޮސް އަވަށަށް ވަދެ، އެ ސަރަޙައްދު ވަށާލުމަށްފަހު، އެއް ޢިމާރާތަކަށް ވަދެ ޒުވާނަކު ހައްޔަރުކޮށްފައެވެ.
އަދި މި ހޯމަ ދުވަހުގެ ކުރީކޮޅު، އިޒްރޭލުގެ ސިފައިން ވަނީ ނާބުލުސްގެ ހުޅަނގު ފަރާތުގައި ހުރި ޢިމާރާތެއްގައި ހުރި ފަލަސްޠީނުގެ ގައިދީއެއްގެ އެޕާޓްމަންޓެއް ގޮއްވާލާފައެވެ. އެއީ އެ ސަރަޙައްދަށް ވަދެ، އެތަނާ ކައިރީގައި ތިބި ރައްޔިތުންނަށް ގެއިން ނުކުތުމަށް އިންޒާރު ދިނުމަށްފަހުގައެވެ.
އިޒްރާއިލް ސިފައިން ވަނީ ހުޅަނގުން ދީރު ޝަރަފް ޗެކްޕޮއިންޓް ހުރަސްކޮށް އަސްކަރީ އިތުރު ބާރުތައް އެ ސިޓީއަށް ވެއްދުމަށް މަސައްކަތްކޮށްފައެވެ. އެ ބާރުތަކުން ވަނީ ޚާއްޞަ ބާރަށް އެހީތެރިވެ، އެމީހުން ފަހަތަށް ޖެހުން ރައްކާތެރިކޮށްދީފައެވެ. އިޒްރާއިލް ސިފައިން ވަނީ ރައްޔިތުންނާ ދިމާލަށް ގޭސް ބޮން އުކާފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އަނެއްކޮޅުން، އިޒްރާއިލް ސިފައިން ވަނީ ހުޅަނގު އައްސޭރީގެ އުތުރުގައިވާ ޖެނީން ކޭމްޕް ކައިރީގައިވާ އަލް-ހަދަފް އަވަށުގައި ހުރި ގެއެއްގައި ރޯކޮށްލާފައެވެ. އިޒްރާއިލް ސިފައިން ވަނީ މިދިޔަ ހުކުރު ދުވަހު ފެށި، ކޭމްޕް ތެރޭގައި ކުރިއަށްދާ ތަޅާލުމާއި ގޮއްވާލުމުގެ އޮޕަރޭޝަނެއްގެ ތެރެއިން، އެ ކޭމްޕްގައި ހުރި ޢިމާރާތަކާއި ގެއެއް ގޮއްވާލާފައެވެ. މި އޮޕަރޭޝަންގައި 24 ވަރަކަށް ޢިމާރާތާއި ގެ އަދި ބިމުގެ އަސާސީ އޮނިގަނޑު ހަލާކުކޮށްލާފައިވެއެވެ. މި ކަންކަން ހިނގަމުންދަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުނު ފަހުން، ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ސިފައިންގެ ހަމަލާތައް މިހާރަކަށް އައިސް އިތުރުރުވެފައިވެއެވެ.
މި ހަމަލާތަކުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުންނާއި އެމީހުންގެ މުދާތަކާއި ދިރިއުޅުމުގެ ވަސީލަތްތައް ޝާމިލުވެއެވެ. ރަސްމީ މަޢުލޫމާތުތަކަށް ބަލާއިރު، މި ހަމަލާތަކުގެ ސަބަބުން ހުޅަނގު އައްސޭރީގައި މަދުވެގެން 1087 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެ، ގާތްގަނޑަކަށް 11 ހާސް މީހުން ޒަޚަމްވެ، އަދި 21 ހާހަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވިފައިވެއެވެ.