ޚަބަރު
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ: ވަޒީރު އިޙްސާން
ވަޒީރު ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ވުޒާރާ
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ ލޯކަލް ޕޮލިސިންގ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ، ވަރަށް ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމަށާއި، އެ މަޤްޞަދަށް މަސައްކަތް ނުކުރާނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ މުއައްސަސާއަކީ ވަރަށް ޒަމާންވި މުއައްސަސާއެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް ޒަމާނީ ބަދަލުތައް އަންނަން ފެށިތާވެސް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވެފައިވާ ކަމަށެވެ. ނަމަވެސް އެ ބަދަލުތަކަށް ވުރެ އަވަހަށް ރާއްޖޭގެ ޤާނޫނުތަކަށާއި ރައްޔިތުންގެ އުންމީދުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ ކްރައިމް އެންވަޔަރަމަންޓަށް އައިސްފަ އޮތް ބަދަލުތައްވެސް ވަރަށް ތަފާތު. މިހާރުގެ ޤާނޫނު ބުނާ ގޮތުން ކޮންމެ ސަރުކާރެއްގަވެސް ސްޓްރެޓެޖީކް ޕޮލިސިންގ ރިކުއަރމެންޓެއް އޮންނާނެ. އެ ޕޮލިސިންގ ރިކުއަރމެންޓާއި އެއްވަރަށް ފުލުހުންނަށް މަސައްކަތް ކުރަމުން ދެވޭތޯ ނުވަތަ ނުކުރެވޭތޯ އަޅުގަނޑުމެން މިބެލީ. ބެލިއިރުގަ ފުލުހުންގެ މަސައްކަތެއް ސަރުކާރުން އަދި ފުލުހުން ޤަބޫލުކުރާ ފެންވަރަށް އަދި ކުރިއަށް ނުގެންދެވޭ.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ފުލުހުންގެ ޚިދުމަތުން އަބަދުވެސް މަސައްކަތް ކުރާނީ ހުރިހާ އެންމެންގެ ޝާމިލްވުން ހިމެނޭގޮތަށް ކަމަށާއި، ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ ލޯކަލް ޕޮލިސިންގ ކޮންފަރެންސްގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އަސާސީގޮތުން ރަނގަޅު ކުރަން ހުރި ކަންކަމަކީ ކޮބައިތޯ ބެލުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފުލުހުންގެ މުއައްސަސާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ތަހުޤީގުތައް އަވަސްވާންޖެހޭނެ. މަގުމަތީގަ ފުލުހުންގެ ޕްރެސެންސް ގިނަވާންޖެހޭނެ. ފުލުހުންގެ އެންގޭޓްމަންޓް މިހާރަށް ވުރެ ގިނަވާންޖެހޭނެ. ޖަވާބުދާރީވުންތައް މިހާރަށް ވުރެ ރަނގަޅުވާންޖެހޭނެ. މަގުމަތިން މިފެންނަ ކްރައިމްތައް މަދު ކަމުގެ އިޙުސާސް ރައްޔިތުންނަށް ވާންޖެހޭނެ. އިދާރީ ބައިތައް މަދުވާންޖެހޭނެ. މިއީ އަޅުގަނޑުމެންނަށް ފެންނާނެ ކަންކަމަކީ މުސްތަޤްބަލުގަ.
ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދާ ލޯކަލް ޕޮލިސިންގ ކޮންފަރެންސަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރު ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެފައިވާކަމަށް އެ ޚިދުމަތުން މަޢުލޫމާތުދެއެވެ.