ދުނިޔެ

ހަނގުރާމަ ހުއްޓުުވީމަ ސުލްހައިގެ އިނާމު ދޭނަމޭ ބުނި ، 9 ހަނގުރާމަ ހުއްޓުވުމުންވެސް އިނާމެއް ނުދޭ : ޓްރަމްޕް

ހަނގުރާމަ ހުއްޓުުވީމަ ސުލްހައިގެ އިނާމު ދޭނަމޭ ބުނި ، 9 ހަނގުރާމަ ހުއްޓުވުމުންވެސް އިނާމެއް ނުދޭ : ޓްރަމްޕް

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޑިސެމްބަރު 2025، 02:12

03 ޑިސެމްބަރު 2025، 02:12

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބައިނަލްއަޤްވާމީ އެތައް ހަނގުރާމައެއް ހުއްޓުވުމުގައި އެހީތެރިވެދެއްވުމުގެ ސަބަބުން، ނޯބެލް ސުލްޙައިގެ އިނާމު އެމަނިކުފާނަށް ލިބުން ޙައްޤުކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމަނިކުފާނު ވަނީ އެތައް ހަނގުރާމައެއް ހުއްޓުވާފައި ކަމަށާއި ނަމަވެސް އެކަމަށް ޝަރަފެއް ހޯދުމަށް ދަހިވެތިވެގެން ނޫޅެންކަމަށް ބުނެފައެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވެވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވައިފިނަމަ ނޯބެލް އިނާމު ލިބޭނެކަމަށް ބުނެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް، މި ސަރަޙައްދުގައި އެމަނިކުފާނު ކުރެއްވި އެހެން މަސައްކަތްތައް އިހުމާލުކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެމެރިކާގެ މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކާ ހަވާލާދީ ޓްރަމްޕް ވިދާޅުވީ، "އެމީހުން ބުނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވައިފިނަމަ ނޯބެލް އިނާމު ލިބޭނެ ކަމަށް. ނަމަވެސް އަހަރެން ޕާކިސްތާން-އިންޑިއާ ހަނގުރާމައާއި، އެހެން އަށް ހަނގުރާމަ ހުއްޓުވި ހަގީގަތަކަށް އެއްވެސް މީހަކު ނުބެލީ" ކަމަށެވެ.

ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ، ނޯބެލް އިނާމު ލިބިފައިވާ ކުރީގެ ފަރާތަކުން ސިއްރިޔާތުގައި އެމަނިކުފާނަށް "އިނާމު ޙައްޤުވާނެ" ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެފަރާތުގެ ނަން ހާމައެއް ނުކުރެއްވިއެވެ. ހަނގުރާމަތަކުގައި ރައްޔިތުންނަށް ލިބޭ ގެއްލުންތަކަށް ހާސްވުމަކީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަކަށް ބާރުލިބުނު ސަބަބެއް ކަމަށް ވެސް ވިދާޅުވިއެވެ. "މި ހަނގުރާމަތަކުގައި ގެއްލިގެންދާ ފުރާނަތަކަށް އަހަރެން ހާސްވޭ،" އެމަނިކުފާނު ވިދާޅުވިއިރު، އިތުރަށް ލޭއޮހޮރުން ހުއްޓުވުމަކީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު މަގުސަދެއް ކަމަށް ހާމަކުރެއްވިއެވެ.

ޓްރަމްޕް ވިދާޅުވީ، އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތް ފަހުން އަށް ހަނގުރާމަ ނިންމާލުމުގައި އެހީތެރިވެދެއްވާފައިވާ ކަމަށާއި، ނުވަވަނަ ހަނގުރާމަ ކަމަށްވާ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ވެސް "ހައްލުކުރުމާ ގާތަށް ގޮސްފައިވާ" ކަމަށެވެ. "ޔޫކްރެއިންގެ ހާލަތަކީ ވަރަށް އޮޅުންބޮޅުން ބޮޑު ކަމެއް. އެކަން ހައްލުކުރުމަކީ ފަސޭހަ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވެފައިވާއިރު، ވޮޝިންޓަނާއި މޮސްކޯއާއި ކިއެފްއާ ދެމެދު މަޝްވަރާތައް އަދިވެސް ކުރިއަށްދާކަން ހާމަކުރެއްވިއެވެ.

ވައިޓް ހައުސްއިން  ޓްރަމްޕް އިޝާރާތް ކުރެއްވި ހަނގުރާމަތަކުގެ ތަފްސީލު ވަގުތުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނު ވަނީ ދެކުނު އޭޝިއާ، މެދުއިރުމަތި އަދި އެފްރިކާގެ ބައެއް ސަރަޙައްދުތަކުގައި އެމަނިކުފާނުގެ ސަރުކާރުން ކުރި މެދުވެރިވުމުގެ މަސައްކަތްތަކަށް ގިނައިން ތައުރީފުކޮށްފައެވެ. މާހިރުން ބުނާ ގޮތުގައި، ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި ހަމަނުޖެހުން ކުޑަކުރުމުގައި ވޮޝިންޓަނުން ދައުރެއް އަދާކޮށްފައިވީ ނަމަވެސް، ޓްރަމްޕް ފާހަގަކުރެއްވި ގިނަ ހަނގުރާމަތަކުގައި ވަނީ ގިނަ ސަރުކާރުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތައް ބައިވެރިވާ ގިނަ ފަށަލަތަކުގެ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރެވިފައެވެ.

މީގެ ކުރިން ވެސް ޓްރަމްޕް ވަނީ ނޯބެލް ސުލްޙައިގެ އިނާމު ނުލިބުމާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން، އިޒްރޭލާއި އެތައް ޢަރަބި ދައުލަތްތަކާ ދެމެދު މަޝްވަރާތައް ކުރުމުގައި އެމަނިކުފާނުގެ ސަރުކާރުން އަދާކުރި ދައުރާއި، ދިގުދެމިގެންދިޔަ އެކި ހަނގުރާމަތަކުން އެމެރިކާގެ ސިފައިން ކުޑަކުރުމުގެ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނޯބެލް ކޮމިޓީން ވަނީ، އިނާމަށް ނޮމިނޭޓް ކުރުމާއި އެތެރޭގެ މަޝްވަރާތައް 50 އަހަރަށް ސިއްރުކުރުމަށްފަހު ހާމަކުރެވޭނެ ކަމަށާއި، ސިޔާސީ ވެރިން އާންމުކޮށް ދައްކާ ވާހަކަތަކުން އިނާމު ހޮވުމުގެ މަސައްކަތަށް އަސަރެއް ނުކުރާނެ ކަމަށް ވަރަށް ގިނަ ފަހަރު ބުނެފައެވެ. ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ތައުރީފެއް ހޯދަން ނޫޅުއްވާ ކަމަށް ނަމަވެސް، އެމަނިކުފާނުގެ މި ވާހަކަތައް ދައްކާފައިވަނީ، ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށް ވޮޝިންޓަނުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެމެރިކާގެ ޑިޕްލޮމެސީއަށް ބައިނަލްއަޤްވާމީ ފާޑުކިޔުން އަލުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން