ޚަބަރު
ދައުރު ނިންމާ މަޖިލިސް ޗުއްޓީއަށް، މަޖިލީހުގެ ރައީސް ވިދާޅުވީ މިއަންނަ އަހަރުގެ މަސައްކަތްްތައް މިއަހަރަށްވުރެ ރަނގަޅުވާނެކަމަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް މަޖިލީހުގެ ޖަލްސާއެއްގައި. ފޮޓޯ: މަޖިލިސް
ހުލާސާ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ނިންމާލައި، މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.
މަޖިލިސް ޗުއްޓީއާ ދިއުމާގުޅިގެން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އަންނަ އަހަރު މި އަހަރަށްވުރެ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. މަޖިލީހުގެ ރައީސް ވަނީ މި އަހަރުގެ މަސައްކަތްތަކާ މެދު ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ.
ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވި ގޮތުގައި މިއަހަރުގެ މިހާތަނަށް ސަރުކާރާއި މެންބަރުންގެ ފަރާތުން ޖުމްލަ 82 ބިލެއް މަޖިލީހަށް ހުށަހެޅުނުއިރު، އޭގެތެރެއިން 60 ބިލެއްގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ. 20 ވަނަ މަޖިލީހުން ބިލުތައް ފާސްކުރުމުގައި އަމަލުކުރަމުންދަނީ ސަރުކާރު ހިންގުމަށް ފަސޭހަވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން އިސްކަންދޭ ބިލުތަކަށް މަޖިލީހުން އިސްކަންދެނީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެއްވެސް ދަތިކަމެއްނެތި ދެވޭނެ މަގުފަހިކުރުމަށް ކަމަށެވެ. އެގޮތުން، މަޖިލީހަށް ހުށަހަޅާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ ޗުއްޓީއަށް ނުގޮސް އެ މަސައްކަތްތައް ނިންމާ ކަމަށާއި، އަދި ޗުއްޓީގައި އޮތް ނަމަވެސް ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން މުހިންމު މަސައްކަތްތައް ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ސަރުކާރަށް ކުރިމަތިނުވެ މަޖިލީހުން ކޮށްދޭންޖެހޭ ހުރިހާ ކަންތައްތަކެއް ކޮށްދެވޭތޯ، އެންމެ ފުރިހަމަ ގޮތުގައި ކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އަޅުގަނޑު ހަމަ ވަރަށް ހިތްހަމަޖެހޭ މިއަހަރުގެ މި މަޖިލީހުގެ މަސައްކަތްތަކާ ދޭތެރޭގައި،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރު 19ވަނަ މަޖިލީހުގައި ހުށަހެޅުނު ބައެއް މަސައްކަތްތައްވެސް ނިންމާފައިވާ ކަމަށާއި، އަންނަ އަހަރު މިއަހަރަށްވުރެ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވާ މުހިންމު ކަންކަން ހާސިލުވާގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގައި 20ވަނަ މަޖިލީހުން މަސައްކަތް ކުރައްވަމުންދާނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވިއެވެ.