ޚަބަރު
ތުއްތު ކުދިން ހެދިބޮޑުވަމުންދާ ގޮތް މޮނިޓަރކުރުމަށް ތައްޔާރުކޮށްފައިވާ 'ޑިވެލޮޕްމަންޓަލް ޓްރެކިންގ ފޯމް' އިފްތިތާޙުކޮށްފި
ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ތުއްތު ކުދިން ހެދިބޮޑުވަމުންދާ ގޮތް މޮނިޓަރކުރުމަށް ތައްޔާރުކޮށްފައިވާ 'ޑިވެލޮޕްމަންޓަލް ޓްރެކިންގ ފޯމް' މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފި އެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މި ފޯމް 2027 ވަނަ އަހަރުން ފެށިގެން ކުއްޖާ ސްކޫލަށް ވަންނައިރު ފުރިހަމަ ކުރަން ޖެހޭ ފޯމެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފޯމަކީ ކުދިންގެ ހެދިބޮޑުވުމުގެ ތެރޭގައި ދިމާވެދާނެ އެކި ހުރަސްތަކާއި ގޮންޖެހުންތައް ދުރާލާ ދެނެގަނެ، އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޞިއްޙީ ދާއިރާއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، އުމުރުގެ ފުރަތަމަ އަހަރުތަކަކީ ކުއްޖާގެ ޖިސްމާނީ، ނަފްސާނީ އަދި ބުއްދީގެ ކުރިއެރުން ބައްޓަންވެ، ފުރާވަރުގެ ދުވަސްވަރުގައި ކާމިޔާބީގެ ބިންގާ އެޅޭ ވަރަށް މުހިންމު މަރުހަލާއެއް ކަމަށެވެ. އެހެންކަމުން، މި ދުވަސްވަރު ކުދިންގެ ހެދިބޮޑުވުމަށް ޚާއްސަޞަ ސަމާލުކަމެއް ދީ، އެ ދުވަސްވަރު ފެންނަ ތަފާތުތައް ދުރާލާ ދެނެގަތުމަކީ ނުހަނު އަހައްމިއްޔަތުކަން ދޭންޖެހޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އުމުރުގެ ކުރީކޮޅުގައި ހެދިބޮޑުވުމުގައި ހުންނަ ލަސްވުންތައް ދުރާލާ ދެނެގަތުމަކީ، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ފުރިހަމަ ޤާބިލުކަން ހޯދުމަށް މަގު ފަހިކޮށްދޭނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
MoH together with the @MSFDmv , @HPA_MV , and @UNICEFMaldives , inaugurated the programme on Enhancing Early Identification and Intervention in Child Growth and Developmental Delays this morning at Meerumaa. Strengthening early detection is key to ensuring every child thrives. pic.twitter.com/Rl2127oqMg
— Ministry of Health (@MoHmv) December 3, 2025
މީގެ އިތުރުން، މިކަމަކީ ހަމައެކަނި ސަރުކާރު ނުވަތަ ޞިއްޙީ ދާއިރާގެ ޒިންމާއެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި ޢާއިލާތަކާއި މުޖުތަމަޢު އަދި ޞިއްޙީ ނިޒާމުގެ މެދުގައި ހިއްސާކުރެވޭ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށްވެސް މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ފޯމުގެ ސަބަބުން މި ހުރިހާ ފަރާތްތަކަކަށްވެސް ކުދިންގެ ހެދިބޮޑުވުމުގެ މަރުހަލާތައް މޮނިޓަރ ކުރުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޕީޑިއޭޓްރިޝަންސް، ސައިކޮލޮޖިސްޓުން، ޑައެޓީޝަނުން އަދި ތެރަޕިސްޓުން ފަދަ ސްޕެޝަލިސްޓުންނާ ގުޅިގެން މަލްޓިޑިސިޕްލިނަރީ އިވެލުއޭޝަނަކަށް މަސައްކަތްކޮށް، ސްކޫލްތަކާއި މުޖްތަމަޢުގެ ތެރެއިންވެސް ކުދިންނަށް އެކަށީގެންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން، ކުއްޖާގެ ބޭނުންތަކާ އެކަށީގެންވާ ފަރުވާތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.