ސައިންސް /

ދުނިޔެ

ޕެރިސް މޫސުމީ އެއްބަސްވުމަކީ ކޮބައި އަދި 1.5 ޑިގްރީ ސެލްސިއަސް މުހިންމުވަނީ ކީއްވެ؟

ޕެރިސް މޫސުމީ އެއްބަސްވުމަކީ ކޮބައި އަދި 1.5 ޑިގްރީ ސެލްސިއަސް މުހިންމުވަނީ ކީއްވެ؟

ޕެރިސް މޫސުމީ އެއްބަސްވުން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ނޮވެމްބަރު 2024، 07:56

09 ނޮވެމްބަރު 2024، 07:56

ޔޫރަޕިއަން ޔޫނިއަންގެ މޫސުމީ ޚިދުމަތުގެ މަޢުލޫމާތު ދައްކާގޮތުން 2024 އަކީ ރެކޯޑު ކުރެވިފައިވާ އެންމެ ހޫނު އަހަރު އަދި ސިނާޢީ ޒަމާނުގެ ކުރީގެ ފެންވަރާ އަޅާބަލާއިރު ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށްވުރެ މަތިވާނެ ފުރަތަމަ އަހަރު ކަމަށް ބެލެވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ގެއްލުންބޮޑު އަސަރުތަކުން ސަލާމަތްވުމަށްޓަކައި، ދިގު މުއްދަތެއްގައި ހޫނުމިން ދަށުގައި ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ބެލެވެއެވެ.

ޕެރިސް އެއްބަސްވުމަކީ ކޮބާ؟
2015 ވަނަ އަހަރު، ދުނިޔޭގެ ލީޑަރުން ވަނީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދިއުން ހުއްޓުވުމަށް މަސައްކަތްކުރުމަށް އިޤްރާރުވެފައެވެ.

މިއީ ފުރަތަމަ ފަހަރަށް ދުނިޔޭގެ ގިނަ ޤައުމުތަކެއް، ދުނިޔެ ހޫނުވުމަށް ސަބަބުވާ ގްރީންހައުސް ގޭސް ބޭރުކުރާ މިންވަރު މަދުކުރުމަށް އެއްބަސްވި އެއްބަސްވުމެވެ.

12 ޑިސެމްބަރު 2015 ގައި ފްރާންސްގެ ވެރިރަށް ޕެރިހުގައި 194 ފަރާތަކުން (193 ޤައުމާއި ޔޫރަޕިއަން ޔޫނިއަން) މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، 4 ނޮވެމްބަރު 2016 ގައި މި އެއްބަސްވުން ވަނީ ތަންފީޒުކުރަން ފަށާފައެވެ.

ޕެރިސް އެއްބަސްވުމުގައި ބުނެފައިވަނީ ކީކޭ؟

މި އެއްބަސްވުމުގައި އަންނަނިވި އިލްތިޒާމުތައް ލިސްޓުކޮށްފައިވެއެވެ:

  • ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ހިފެހެއްޓުމަށް "މަސައްކަތްކުރުން" އަދި ސިނާޢީ ޒަމާނުގެ ކުރީގެ ފެންވަރާ އަޅާބަލާއިރު 2.0 ޑިގްރީ ސެލްސިއަސްއަށްވުރެ "މާ މަތިނުވާނެ" ގޮތަށް ހިފެހެއްޓުން
  • އިންސާނުންގެ ޙަރަކާތްތަކުން ބޭރުކުރާ ގްރީންހައުސް ގޭސްގެ މިންވަރު، 2050 އާއި 2100 އާ ދެމެދު، ގަސްގަހާގެއްސާއި، ފަސްގަނޑާއި، ކަނޑުތަކުން ދެމެހެއްޓެނިވި ގޮތެއްގައި އަނބުރާ ނަގާ މިންވަރަށް - މިއީ "ނެޓް ޒީރޯ" ކަމަށް ބުނެވޭ ފެންވަރަށް - މަދުކުރުން
  • ކޮންމެ ޤައުމަކުންވެސް އެ ޤައުމަކުން ބޭރުކުރާ ގޭސްގެ މިންވަރު މަދުކުރުމުގެ ލަނޑުދަނޑިތަކެއް ކަނޑައެޅުން، އަދި ކޮންމެ 5 އަހަރަކުން އެއްފަހަރު މި ލަނޑުދަނޑިތައް މުރާޖަޢާކޮށް އިތުރަށް ވަރުގަދަކުރުން
  • މޫސުމަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ތައްޔާރުވުމަށާއި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް، މުއްސަނދި ޤައުމުތަކުން ފަގީރު ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން. މިއީ މޫސުމީ ފައިނޭންސް ކަމަށް ބުނެވެއެވެ.

1.5 ޑިގްރީ ސެލްސިއަސްގެ ލަނޑުދަނޑި އާންމުކޮށް ބަލައިގަނެވިފައިވަނީ 20 އަހަރުގެ އެވްރެޖެއްގެ ގޮތުގައެވެ. އެންމެ އަހަރެއްގެ ގޮތުގައެއް ނޫނެވެ.

ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ހިފެހެއްޓުން މުހިންމުވަނީ ކީއްވެ؟

ސައިންޓިސްޓުން ބުނާގޮތުގައި ހޫނުމިން 0.1 ޑިގްރީ ސެލްސިއަސް އިތުރުވާ ކޮންމެ ފަހަރަކު ދުނިޔެއަށް އިތުރު ނުރައްކާތަކެއް ކުރިމަތިވެއެވެ. މިސާލަކަށް ދިގު މުއްދަތުގެ ހޫނު ދުވަސްތަކާއި، ގަދަ ވިއްސާރަތަކާއި، އަލިފާނުގެ ހާދިސާތައް އިތުރުވެއެވެ.

1.5 ޑިގްރީ ސެލްސިއަސްގެ ލަނޑުދަނޑި ކަނޑައެޅުނީ، ދުނިޔޭގެ ހޫނުމިން 2 ޑިގްރީ ސެލްސިއަސްއާ ކައިރިވާ ވަރަކަށް އޭގެ އަސަރުތައް މާ ބޮޑަށް ގޯސްވާނެކަމުގެ  ހެކިތަކެއް ހުރުމާ ގުޅިގެންނެވެ. ބައެއް ބަދަލުތަކަކީ އަނބުރާ ރުޖޫޢަ ނުކުރެވޭނެ ބަދަލުތަކަކަށް ވެދާނެއެވެ.

ސައިންސްގެ ގޮތުން މުޅިން ޔަޤީންކަމާއެކު ނުބުނެވުނު ނަމަވެސް، ދުނިޔޭގެ ހޫނުމިން 2 ޑިގްރީ ސެލްސިއަސްއަށް އަރައިފިނަމަ، 1.5 ޑިގްރީ ސެލްސިއަސްއާ އަޅާބަލާއިރު:

  • މެދުމިނުގެ ހިސާބުތަކުގައި  އެވްރެޖްކޮށް އެންމެ ހޫނު ދުވަސްތަކުގެ ހޫނުމިން 4 ޑިގްރީ ސެލްސިއަސް އިތުރުވާނެއެވެ. 1.5 ޑިގްރީ ސެލްސިއަސްގެ ހާލަތުގައި މިއީ 3 ޑިގްރީ ސެލްސިއަސްއެވެ.
  • ކަނޑުގެ ލޮނުގަނޑުގެ އުސްމިން 0.1 މީޓަރު އިތުރަށް މަތިވާނެއެވެ. މިއާ ގުޅިގެން އިތުރު 10 މިލިއަން މީހުން ފެންބޮޑުވުމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭނެއެވެ.
  • 1.5 ޑިގްރީ ސެލްސިއަސްގެ ހާލަތުގައި 70-90% މުރަކަތައް ނެތިދާނެ ކަމަށް ލަފާކުރެވޭއިރު، 2 ޑިގްރީ ސެލްސިއަސްގެ ހާލަތުގައި 99% އަށްވުރެ ގިނަ މުރަކަތައް ނެތިގެންދާނެއެވެ.

ޕެރިސް އެއްބަސްވުމަށްފަހު ޤައުމުތަކުން ކޮށްފައިވަނީ ކޮން ކަންތައްތަކެއް؟

ދުނިޔޭގެ ލީޑަރުން ކޮންމެ އަހަރަކު އެއްފަހަރު އެ ބޭފުޅުންގެ މޫސުމީ އިލްތިޒާމުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބައިނަލްއަޤްވާމީ ބައްދަލުވުންތަކެއްބާއްވައެވެ. މި ބައްދަލުވުންތަކަށް ކިޔަނީ ސީ.އޯ.ޕީ (ކޮންފަރެންސް އޮފް ދަ ޕާޓީސް) އެވެ.

2015 އިން ފެށިގެން ބޭއްވުނު ހުރިހާ ސީ.އޯ.ޕީ އެއްގައިވެސް ޕެރިހުގައި ޤައުމުތަކުން ވެފައިވާ ވަޢުދުތައް ފުރިހަމަކުރަމުންދާ މިންވަރު ބަލަމުން ގެންގޮސްފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރިއިރު، ސަރުކާރުތަކުން ޤަބޫލުކުރި ގޮތުގައި ޕެރިސް އެއްބަސްވުމުގެ ލަނޑުދަނޑިތަކުން އެކަނި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ހިފެހެއްޓޭނެކަމަކަށް ނުބެލެވެއެވެ.

އދ. އިން ބުނާގޮތުގައި މިހާރު ހުރި މޫސުމީ ޕްލޭންތަކުން ދައްކާގޮތުން 2100 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ހޫނުމިން 2.6 ޑިގްރީ ސެލްސިއަސް އާއި 2.8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް އަރާނެއެވެ. ނަމަވެސް ހުރިހާ ނެޓް ޒީރޯ ވަޢުދުތައް ޙާޞިލުކުރެވިއްޖެނަމަ މިއަދަދު 1.9 ޑިގްރީ ސެލްސިއަސްއަށް ތިރިކުރެވިދާނެއެވެ. އެހެންކަމުން ޤައުމުތަކުން އެ ޤައުމުތަކުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އިތުރު ސިޔާސަތުތައް ތަޢާރަފުކުރަން ޖެހެއެވެ.

އެންމެ ފަހުން 2023 ގެ ޑިސެމްބަރު މަހު ބޭއްވުނު ސީ.އޯ.ޕީ 28 ގައި، ފުރަތަމަ ފަހަރަށް ޤައުމުތަކުން "ފޮސިލް ފިއުލްތަކުން ދުރަށް ދިއުމަށް" "ޙިއްޞާވާން" އެއްބަސްވިއެވެ. ނަމަވެސް މިކަމަށް ޢަމަލުކުރަން މަޖުބޫރެއް ނުކުރެއެވެ.

ސީ.އޯ.ޕީ 28 އަށް އދ. އިން ކުރި ދިރާސާއަކުން ސާފުކޮށް ދައްކައިދިނީ 1.5 ޑިގްރީ ސެލްސިއަސްގެ މިންގަނޑު ދާއިމީކޮށް ފަހަނައަޅައި ދިއުން ހުއްޓުވުމަށްޓަކައި ގްރީންހައުސް ގޭސް ބޭރުކުރާ މިންވަރު "އަވަސް އަދި ދެމެހެއްޓެނިވި" ގޮތަކަށް މަދުކުރަން ޖެހޭކަމެވެ.

ޕެރިސް އެއްބަސްވުމުން ފަގީރު ޤައުމުތަކަށް ވެފައިވާ ވަޢުދަކީ ކޮބާ؟

ޕެރިސް އެއްބަސްވުމުގައި 2009 ވަނަ އަހަރު ފުރަތަމަ ފަހަރަށް ވެފައިވާ ވަޢުދެއް އަލުން ބަޔާންކޮށްފައިވެއެވެ. އެއީ ދުނިޔޭގެ މުއްސަނދި ޤައުމުތަކުން 2020 ވަނަ އަހަރާ ހަމައަށް އަހަރަކު 100 ބިލިއަން ޑޮލަރު (78 ބިލިއަން ޕައުންޑް) ތަރައްޤީވަމުންދާ ޤައުމުތަކަށް ފޯރުކޮށްދިނުމެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކާ ކުރިމަތިލުމަށާއި ތިމާވެއްޓާ ރައްޓެހި އިޤްތިޞާދުތައް ބިނާކުރުމަށް އެހީތެރިވުމަށްޓަކައެވެ.

2020 ވަނަ އަހަރު މި ވަޢުދުގެ ދަށުން ހޯދުނީ 83.3 ބިލިއަން ޑޮލަރު (65 ބިލިއަން ޕައުންޑް) އެވެ. މި ލަނޑުދަނޑި ފުރިހަމައަށް ޙާޞިލުކުރެވުނީ 2023 ވަނަ އަހަރުއެވެ.

މި އަހަރު އަޒަރުބައިޖާނުގެ ބާކޫގައި ބޭއްވޭ ސީ.އޯ.ޕީ ގައި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި އެކަމަށް ތައްޔާރުވުމަށް ދޭންޖެހޭ ފައިސާގެ އަދަދާ ބެހޭގޮތުން އައު ލަނޑުދަނޑިއެއް ކަނޑައެޅުމަށް ޤައުމުތަކުން މަސައްކަތްކުރާނެއެވެ.

މުއްސަނދި ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ބަދަލު ދޭނެތަ؟

މިއީ ފާއިތުވި އަހަރު ޔޫ.އޭ.އީގެ ދުބާއީގައި އެތައް އަހަރެއްގެ މަޝްވަރާތަކަކަށްފަހު އެއްބަސްވެވުނު ގެއްލުމާއި ގޯނާގެ އައު ފަންޑެއްގެ ފަހަތުން އަންނަ ކަމެކެވެ.

އައު މާލީ ލަނޑުދަނޑި ޙާޞިލުކުރުމަށް އަދިވެސް ވަރަށް ގިނަ މައްސަލަތަކެއް ޙައްލުކުރަން ޖެހެއެވެ. ޚާއްޞަކޮށް ކިހާ ފައިސާއެއް ދޭނީތޯ، ކޮން ބައެއްތޯ ދޭނީ އަދި ކޮން ގޮތަކަށްތޯ ދޭނީ - މިސާލަކަށް ލޯނުގެ ގޮތުގައިތޯ ނުވަތަ ހިލޭ އެހީގެ ގޮތުގައިތޯ ފަދަ ކަންކަމެވެ.
                    


                    


                    


                    

މި ލިޔުން ކިޔާލުމުން