ކުޅިވަރު

އާސެނަލްއިން ބްރެންޓްފޯޑު ބަލިކޮށް ލީގުގެ އެއްވަނައިގައި އޮތް ލީޑު އަނބުރާ ހޯދައިފި

އާސެނަލްއިން ބްރެންޓްފޯޑު ބަލިކޮށް ލީގުގެ އެއްވަނައިގައި އޮތް ލީޑު އަނބުރާ ހޯދައިފި

ގޯލު ކާމިޔާބު ކުރުމަށްފަހު މައިކަލް މެރީނޯ އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ޑިސެމްބަރު 2025، 06:43

04 ޑިސެމްބަރު 2025، 06:43

އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލްއިން ބްރެންޓްފޯޑު 2-0އިން ބަލިކޮށް، ލީގުގެ އެއްވަނައިގައި އޮތް 5 ޕޮއިންޓުގެ ލީޑު އަނބުރާ ހޯދައިފިއެވެ. 

އާސެނަލްގެ ލީޑު ހަނިވީ، އަންގާރަ ދުވަހުގެރޭ މެންޗެސްޓަރ ސިޓީއިން ލީޑްސް ޔުނައިޓެޑް 5-4އިން ބަލިކޮށް، 3 ޕޮއިންޓު ހޯދުމުންނެވެ. ނަމަވެސް ބްރެންޓްފޯޑު މެޗުން 3 ޕޮއިންޓު ހޯދުމުން އާސެނަލްއަށް މިވަނީ އަނެއްކާ ވެސް ހަމަޖެހިލާނެ ފުރުސަތު ލިބިފައެވެ.

އެ މެޗުގައި މިކެލް މެރީނޯގެ ގޯލަކުން އާސެނަލް ލީޑު ނެގިއިރު، ލީޑު ފުޅާކޮށްފައި ވަނީ އޭނާ ދިން ބޯޅައަކުން ބުކާޔޯ ސަކާއެވެ.

މެރީނޯގެ ގޯލަކީ މެޗުގެ 11ވަނަ މިނެޓުގައި ބެން ވައިޓް ހުރަސްކޮށްދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. އޭގެ ފަހުން ބްރެންޓްފޯޑުގެ ކުރިއަށް ކުޅޭ ކެވިން ޝާޑާ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް، ޑޭވިޑް ރާޔާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި ދެވަނަ ގޯލު ކާމިޔާބުކުރި ސަކާ އާއި އެބެރެޗި އެޒޭ ކުޅެން ނިކުތީ މެޗުގައި ގަޑިއެއްހާއިރު ކުޅެވުނު ފަހުންނެވެ.

އާސެނަލްއަށް މިހާރު އޮތް އެންމެ ބޮޑު ހާސްކަމަކީ، އެ ޓީމުގެ މުހިންމު ދެ ޑިފެންޑަރުން ކަމުގައިވާ ވިލިއަން ސަލީބާ އާއި ގެބްރިއެލް މަގަލޭސް އަނިޔާގައި ތިބުމެވެ. މި ބިރުވެރިކަން އޮތުމުން ކަނާތް ފަރާތުން ފަހަތަށް ކުޅޭ ޖޫރިއެން ޓިމްބަރ ރެސްޓުކުރުމަށް ފުރުސަތު ދިނުމަށްފަހު ކުޅެން ނެރެފައިވަނީ ކްރިސްޓިއަން މޮސްކެރާއެވެ. ނަމަވެސް އޭނާއަށް ފުރަތަމަ ހާފުގެ ފަހުކޮޅު އަނިޔާވުމާ ގުޅިގެން ޓިމްބާއަށް ދިން ރެސްޓު ކުރުކޮށްލުމަށްފަހު އޭނާ ކުޅެން ނެރެން ޖެހުނެވެ.

މި ނަތީޖާއާއެކު އާސެނަލްއަށް ވަނީ 14 މެޗުން 33 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައި ވަނީ 28 ޕޮއިންޓެވެ. މީގެ އިތުރުން އެ އަދަދަށް ޕޮއިންޓު ހޯދުމުގެ ފުރުސަތު އޮތް ޗެލްސީއަށް، ބުދަ ދުވަހުގެރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 3-1އިން ގެއްލުމުން، އެ ޓީމަށް ވަނީ ލީގުގެ 4ވަނައަށް ސޮއްސާލާފައެވެ. އެގޮތުން ލީޑުގެ ތިންވަނައިގައި މިހާރު އޮތީ 27 ޕޮއިންޓު ލިބިފައިވާ އެސްޓަން ވިލާއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން