ކުޅިވަރު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން އިންޑޯގައި ފަރިތަކުރުންތަކެއް ބޭއްވޭތޯ މަސައްކަތް ކުރަނީ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން އިންޑޯގައި ފަރިތަކުރުންތަކެއް ބޭއްވޭތޯ މަސައްކަތް ކުރަނީ

ޤައުމީ ފުޓްސަލް ޓީމުގެ ކޯޗު، އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވް (މ) އާއި ޓީމުގެ ބައެއް އޮފިޝަލުން / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ޑިސެމްބަރު 2025، 09:55

04 ޑިސެމްބަރު 2025، 09:55

އަންނަ މަހު މުޅިން އަލަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ވާދަކުރާ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު މުބާރާތަށް ދިއުމުގެ ކުރިން އިންޑޯ ދަނޑެއްގައި ފަރިތަކުރުންތަކެއް ބޭއްވޭތޯ މަސައްކަތް ކުރަމުންދާކަމަށް، ޤައުމީ ފުޓްސަލް ޓީމުގެ ކޯޗު، އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވް ބުނެފިއެވެ.

ކޯޗު ފާރޫކް މިކަން ހާމަކުރީ، ރެހެންދި ފުޓްސަލް ދަނޑުގައި މި މަހުގެ 1އިން ފެށިގެން ކުރިޔަށްގެންދާ ފަރިތަކުރުންތަކުގެ ތެރެއިން، ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިހާރު ކުރިޔަށްގެންދާ ފަރިތަކުރުންތަކަށް އަލިއަޅުވާލައި ފާރޫކު ބުނީ، ސިލެކްޝަންގައި ބައިވެރިވާ ހުރިހާ ކުޅުންތެރިން ވެސް އިތުރު ކުރިއެރުން ބޭނުންވާކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ މުބާރާތެއްގައި ވާދަކުރުމަށް ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް ލީގެއްގެ ތަޖުރިބާ މުހިންމު ކަމަށް އޭނާ ބުންޏެވެ. 

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފަރިތަކުރުންތައް 25 ކުޅުންތެރިންގެ ސްކޮޑަކާއެކު ކުރިޔަށްގެންދާއިރު، 14 ކުޅުންތެރިންގެ ޓީމެއް އެކުލާވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މުބާރާތަށް ދާނީ ސިލެކްޝަންގައި ޓީމަށް ނަގާ 14 ކުޅުންތެރިން އެކަންޏެވެ.

މުބާރާތުގެ ކުރިން އިންޑޯގައި ފަރިތަކުރެވޭތޯ ބަލަމުންދަނީ، މުބާރާތް ކުޅޭނީ އިންޑޯގައި ކަމަށް ވުމުންނެވެ. އެހެންކަމުން މުބާރާތް ބާއްވާ ޤައުމުކަމުގައިވާ ތައިލޭންޑަށް ދިއުމުގެ ކުރިން، ޗައިނާގައި އިންޑޯ ކޭމްޕެއް ބޭއްވޭތޯ މަސައްކަތް ކުރާނެ ކަމަށް، ޕީއެސްއެމްއަށް ދިން އިންޓަވިއުގައި ކޯޗު ބުންޏެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ ޖެނުއަރީ 14-26 އަށެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިޔަށްގެންދާ މި މުބާރާތުގައި ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުގެ ފުރަތަމަ މެޗު ކުޅޭނީ ޕާކިސްތާންއާއެވެ. 

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގައި ރާއްޖޭގެ މެޗުތައް:

  • 14 ޖެނުއަރީ 2026: ރާއްޖެ – ޕާކިސްތާން
  • 16 ޖެނުއަރީ 2026: ރާއްޖެ – ބަނގުލަދޭޝް
  • 20 ޖެނުއަރީ 2026: ރާއްޖެ – އިންޑިއާ
  • 22 ޖެނުއަރީ 2026: ރާއްޖެ – ނޭޕާލް
  • 26 ޖެނުއަރީ 2026: ރާއްޖެ - ސްރީލަންކާ

Ads by MSS

މި ލިޔުން ކިޔާލުމުން