ދުނިޔެ

ޣައްޒާގައި ނަސްލު ނެތިކޮށްލުމުގެ ހަމަލާތައް ފެށުނު ފަހުން އިޒްރޭލުން ފަލަސްތީނުގެ 257 ނޫސްވެރިން ޝަހީދުކޮށްލައިފި

ޣައްޒާގައި ނަސްލު ނެތިކޮށްލުމުގެ ހަމަލާތައް ފެށުނު ފަހުން އިޒްރޭލުން ފަލަސްތީނުގެ 257 ނޫސްވެރިން ޝަހީދުކޮށްލައިފި

ޝަހީދުވެފައިވާ ޣައްޒާގެ ދެ ޖާނަލިސްޓެއްގެ ޖަނާޒާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޑިސެމްބަރު 2025، 10:27

04 ޑިސެމްބަރު 2025، 10:27

ޣައްޒާގެ ނަސްލު ނައްތާލުމަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އިޒްރާއިލުން ޣައްޒާގެ 257 ނޫސްވެރިން ޝަހީދުކޮށްލައިފައިވާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެފިއެވެ. 

ޣައްޒާގެ ސަރުކާރު މީޑިއާ އޮފީސް (ޖީޖީއެމްއޯ) އިން ބުނި ގޮތުގައި، އިޒްރޭލުން ޣައްޒާގައި ނަސްލު ނެތިކޮށްލުމުގެ ހަނގުރާމަ ފެށުނު ފަހުން ޝަހީދުކޮށްލި ނޫސްވެރިންގެ ޢަދަދު މިހާރު ވަނީ 257 އަށް އަރާފަ އެވެ. އޭގެތެރޭގައި އަންގާރަދުވަހު ޝަހީދުކޮށްލި ފަލަސްތީނުގެ ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ މަޙްމޫދު ވަދީ ހިމެނެއެވެ. ވަދީ ޝަހީދުކޮށްލައިފައިވަނީ އިޒްރޭލުގެ ޑްރޯން ހަމަލާއެއްގައި ޣައްޒާގެ ދެކުނުގައެވެ.

އަދި އިޒްރާއިލުން ޝަހީދުކޮށްލައިފައިވާ ނޫސްވެރިޔާ ޙަސަން އަޞްލިޙްގެ ބޭބެ، މުޙައްމަދު ޢަބްދުލް ފައްތާޙް އަޞްލިޙަށް ވަނީ އެ ހަމަލާގައި އަނިޔާވެފަ އެވެ. ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން އަންގާރަ ދުވަހު ބުނީ، އިޒްރޭލުން ޣައްޒާގައި ނަސްލު ނެތިކޮށްލުމުގެ ހަނގުރާމަ ފެށި އޮކްޓޯބަރު 2023 އިން ފެށިގެން 257 ނޫސްވެރިން ޝަހީދުކޮށްލައިފައިވާ ކަމަށެވެ.

އެ އޮފީހުން ވަނީ އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދަ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. "ނަސްލު ނެތިކޮށްލުމުގެ މި ނުބައި، އަނިޔާވެރި ޖަރީމާ ހިންގުމުގެ ފުރިހަމަ ޒިންމާ އިޒްރާއިލާއި އެކު އެމެރިކާގެ އާއި، އިނގިރޭސިވިލާތާއި، ޖަރުމަނާއި، ފްރާންސް ފަދަ މި ޖަރީމާގައި ބައިވެރިވާ ޤައުމުތަކުން" އެ އޮފީހުން އިތުރަށް ބުނެފައިވެ އެވެ.

މި ހަމަލާ ދީފައިވަނީ އޮކްޓޯބަރު 10 ގައި ޢަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ކަމަށާއި، އެ އެއްބަސްވުމުގައި ވާގޮތުން "ވައިގެ މަގުންނާއި ބިމުގައި ބަޑިން ދޭ ހަމަލާތައް ވެސް ހިމެނޭ ގޮތަށް ހުރިހާ އަސްކަރީ ޢަމަލުތައް ވަގުތީ ގޮތުން ހުއްޓާލެވޭނެ" ކަމަށް ބުނެފައިވެ އެވެ. އެ އޮފީހުން އާދީއްތަ ދުވަހު ބުނި ގޮތުގައި، އިޒްރޭލުން ވަނީ އޮކްޓޯބަރު 10 އިން ފެށިގެން 50 ދުވަހުގެ ތެރޭގައި 591 ފަހަރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، ސަތޭކަ އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލައިފައެވެ.

އެ އޮފީހުން ބުނި ގޮތުގައި، މި ޚިލާފުވުންތަކުގައި 357 އާންމު ރައްޔިތުން ޝަހީދުވެ، 903 މީހުން ޒަޚަމްވެފައިވާއިރު، ޝަހީދުވި މީހުންގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ.

އިޒްރޭލުން ވަނީ 164 ފަހަރު އާންމު ރައްޔިތުންނަށް އަމާޒުކޮށް ބަޑިޖަހައިފައެވެ. އަދި “ރީނދޫ ރޮނގު” އަށް ވުރެ ބޭރުގެ ރަށްފުށުގެ ސަރަޙައްދުތަކަށް 25 ފަހަރު ވަދެ، ޣައްޒާ އަށް 280 ފަހަރު ބޮން އަޅައި، 118 ފަހަރު މީހުންގެ މުދަލަށް ގެއްލުންދީފައިވާކަމަށް އެ އޮފީހުން ބުނެ އެވެ. އަދި 50 ދުވަހުގެ ތެރޭގައި އިޒްރޭލުން ޣައްޒާ އިން 38 ފަލަސްތީނުގެ ރައްޔިތުން ވަގަށް ނަގާފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

ފަލަސްތީނުގެ ޞިއްޙަތާ ބެހޭ ވުޒާރާ އިން ބުދަ ދުވަހު ބުނި ގޮތުގައި، އޮކްޓޯބަރު 2023 ގައި އިޒްރޭލުން ޣައްޒާ އަށް ދިން ހަމަލާ ފެށުނު ފަހުން މުޅި ޣައްޒާގައި 70,117 މީހުން ޝަހީދުވެ، އިތުރު 170,999 މީހުން ޒަޚަމްވެފައިވެ އެވެ. ފަލަސްތީނުގެ ނޫސްވެރިންގެ ޖަމްޢިއްޔާގެ ރައީސް ވިދާޅުވީ، ޣައްޒާ ބިމަކީ “ތާރީޚުގައި ނޫސްވެރިންގެ އެންމެ ބޮޑު ޤަތުލުޢާން ފެނިފައިވާ” ތަން ކަމަށެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން 2025 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ބުނެފައިވާ ގޮތުގައި، އިޒްރޭލުގެ ހަނގުރާމައިގެ ސަބަބުން ފަލަސްތީނަކީ ނޫސްވެރިންނަށް ދުނިޔޭގެ އެންމެ ނުރައްކާތެރި ޤައުމެވެ. ފަރަންސޭސި ބަހުން އާރްއެސްއެފްގެ ނަމުން ވެސް މަޝްހޫރުވެފައިވާ ޕެރިސްގައި ހުންނަ މި ޖަމްޢިއްޔާ އިން ބުނެފައިވަނީ، "ޣައްޒާގައި ތާށިވެފައިވާ ނޫސްވެރިންނަށް ހިޔާވަހިކަމެއް ނެތް އަދި ކާނާ އާއި ފެން ވެސް ހިމެނޭ ގޮތަށް ހުރިހާ އެއްޗެއްގެ ދަތިކަން އެބަހުރި" ކަމަށެވެ.

ވޮޓްސަން އިންސްޓިޓިއުޓް ފޯ އިންޓަރނޭޝަނަލް އެންޑް ޕަބްލިކް އެފެއާޒްގެ ރިޕޯޓެއްގައިވާ ގޮތުން، ޣައްޒާ އަށް އިޒްރޭލުން ދިން ހަމަލާގައި އެމެރިކާގެ ދާޚިލީ ހަނގުރާމަ އާއި، ދުނިޔޭގެ ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމަ އާއި، ކޮރެއާ ހަނގުރާމަ އާއި، ވިއެޓްނާމް ހަނގުރާމަ (ކެމްބޯޑިއާ އާއި ލާއޯސްގެ ހަނގުރާމަތައް ވެސް ހިމެނޭ ގޮތަށް) އާއި، 1990 ގެ އަހަރުތަކާއި 2000 ގެ އަހަރުތަކުގައި ޔޫގޮސްލާވިޔާގައި ހިނގި ހަނގުރާމަތަކާއި، 9/11 ގެ ފަހުން އަފްޣާނިސްތާނުގައި ހިނގި ހަނގުރާމަތަކުގައި މަރުވި ނޫސްވެރިންގެ ޢަދަދަށް ވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްލައިފައިވެ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450