ޚަބަރު
ކުރިއަށް އޮތް ދެދުވަހު މޫސުން ރަނގަޅު، އާދީއްތައިން ފެށިގެން މޫސުން ގޯސްވާނެ: މެޓް
މުސުންގޯސްދުވަހެއް.
ހަފްތާ ބަންދަށް މޫސުން އެހާ ބޮޑަށް ގޯސް ނުވާނެ ކަމަށް ލަފާކުރެވޭ ނަމަވެސް، އަންނަ ހަފްތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އިން ވިދާޅުވެފައިވަނީ އާދީއްތަ ދުވަހުން ފެށިގެން މޫސުން ގޯސްވެ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. މެދު ރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުގައި ހުޅަނގާއި ހުޅަނގު އުތުރުން 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ދެކުނާއި މެދުރާއްޖޭތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން އއ އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މި ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން 10:30 އަށެވެ.
މެޓް އިން ފާހަގަކުރެއްވި ގޮތުގައި ހަފުތާ ބަނދަށް މޫސުން އެހާ ބޮޑަށް ގޯސްވާނެ ކަމަށް ލަފާ ނުކުރެވުނު ނަމަވެސް، އާދީއްތަ ދުވަހުން ފެށިގެން ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ. އަންނަ ހަފްތާގައި ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އާންމު ވައި އެހާ ގަދަވާނެ ކަމަށް ނުބެލެވޭ ކަމަށް މެޓް އިން ވަނީ އިތުރަށް ހާމަކޮށްފައެވެ.
މި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ބޮޑަށް ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެރަށަށް 63.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މޫސުން އެހާ ބޮޑަށް ގޯސްކޮށް ނުދެއްކި ނަމަވެސް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުމާއި ގުޅިގެން އެއިދާރާއިން ނެރޭ އެކި އަޕްޑޭޓްތަކަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.