ދުނިޔެ
އިޒްރާއީލު ސިފައިން ޣައްޒާގެ 'ޔެލޯ ޒޯން' އިތުރަށް ފުޅާކޮށްފި
އިޒްރާއިލުން ޣައްްޒާގެ ޔެލޯ ޒޯން ފުޅާކުރުން
އިޒްރާއިލް ސިފައިން ޣައްޒާގެ “ޔެލޯ ޒޯން” އިތުރަށް ފުޅާ ކޮށްފިއެވެ.
އިޒްރާއީލުގެ ސިފައިން ވަނީ ބުދަ ދުވަހު ޣައްޒާ ސިޓީގެ އިރުމަތީގައި ހުރި ރީނދޫ ކޮންކްރީޓް ކިއުބްތައް އިތުރަށް އެތެރެއަށް ޖައްސާފައެވެ. ޤައުމީ ނިއުސް ނެޓްވޯކް (ކިޔުއެންއެން) ގެ ނޫސްވެރިއަކު މިކަން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އިޒްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ ބާކީ އޮތް ބިމުގެ ސަރަހައްދުގެ ތެރެއަށް ގާތްގަނޑަކަށް ސަތޭކަ މީޓަރު ދުރަށް އެ ސަރަހައްދު ފުޅާކޮށްފައެވެ. މިހާރު 2.5 މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުން ގެންދަނީ މި ކުޑަވަމުންދާ ސަރަހައްދުގެ ތެރޭގައެވެ.
މި ފުޅާކުރުމަކީ އެއްބަސްވުމުގައި ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިޒްރާއީލުން ހިފާފައިވާ 'ޔެލޯ ޒޯން' އިތުރަށް ބޮޑުކުރުމެކެވެ. މިއީ އިޒްރާއީލުން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ބައިނަލްއަޤްވާމީ ގެރެންޓީތަކާއި ޓްރަމްޕްގެ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް ބެލުމެއް ނެތި، ޣައްޒާގެ ބިން ކުޑަވަމުންދާއިރު، އިޒްރާއީލުގެ ބާރު ފުޅާވަމުން ދެއެވެ.
މިފަހަރުގެ ފުޅާކުރުން ހިނގާފައިވަނީ 10 ދުވަސް ކުރިން ހިނގި ކަންތައްތަކާ އެއްގޮތަށެވެ. އެދުވަހު ވެސް އިޒްރާއީލު ސިފައިން ވަނީ ޣައްޒާގެ އިރުމަތީގައިވާ 'ޔެލޯ ޒޯން' 300 މީޓަރަށް ވުރެ ބޮޑުކޮށްފައެވެ. އެފަހަރު ވެސް އެއްވެސް އިންޒާރެއް ނުދީ އަދި ހަމަހިމޭންކަމުގެ ތެރޭގައި ޓޭންކުތައް ވަނީ އެ ސަރަހައްދަށް ވަދެ، ޣައްޒާ ސިޓީގެ އިރުމަތީ އަވަށްތަކުގެ އެތައް އާއިލާއެއް ވަނީ ވަށާލާފައެވެ.
އެ ސަރަހައްދުގެ ރައްޔިތުން ބުނި ގޮތުގައި، އަލް-ޝާފް، އަލް-ނައްޒާޒް، އަދި ބަޣުދާދު މަގުތަކުން އެމީހުންނަށް ނުކުމެވޭނެ މަގުތައް ޓޭންކުތަކުން ވަނީ ބަންދުކޮށްފައެވެ. އޭގެ ފަހުން ސިފައިން ވަނީ ރީނދޫ ބްލޮކްތައް އަވަށްތަކުގެ އެތެރެއަށް ޖައްސާފައެވެ. މިކަމުގެ ސަބަބުން ޓްރަމްޕްގެ ޕްލޭނުގެ ދަށުން އިސްރާއީލުން ބާރު ހިންގާ ސަރަހައްދު އިތުރަށް ފުޅާވެގެން ދިޔައެވެ. މިކަމުގެ ސަބަބުން އެތައް އާއިލާއެއްގެ ޙާލަތު މިހާރު ވެސް ނޭނގި އެބަ އޮތެވެ.
މި ކަމުގެ ތެރޭގައި އަދި އޭގެ ފަހުން ވެސް އެ ސަރަހައްދަށް ބޮޑެތި ހަމަލާތައް ދީފައިވެއެވެ. ނަމަވެސް މެދުވެރިން އިޒްރާއީލުގެ މި ޚިލާފުވުންތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އިޒްރާއީލު ސިފައިން މިހާރު އިތުރަށް ހިތްވަރު ލިބިފައިވާ ކަމަށެވެ. "މެދުވެރިންނާއި ގެރެންޓީ ދޭ ފަރާތްތަކުގެ ހަމަހިމޭންކަމުގެ ސަބަބުން އިޒްރާއީލަށް މިފަދަ ޖަރީމާތަކާއި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުންތައް ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބެ އެވެ،" އެ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.