ދުނިޔެ

އަނެއްކާވެސް އަފްޣާން ބޯޑަރު ކަައިރީގައި ބޮމުގެ ހަމަލާއެއް، ޕާކިސްތާނުގެ ތިން ފުލުހުން މަރުވެއްޖެ

އަނެއްކާވެސް އަފްޣާން ބޯޑަރު ކަައިރީގައި ބޮމުގެ ހަމަލާއެއް، ޕާކިސްތާނުގެ ތިން ފުލުހުން މަރުވެއްޖެ

މަރުވި ފުލުހުންގެ ޖަނާޒާ ބާއްވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޑިސެމްބަރު 2025، 12:07

04 ޑިސެމްބަރު 2025، 12:07

ޕާކިސްތާނާއި އަފްޣާނިސްތާނާ ގުޅޭ ބޯޑަރު ކައިރީގައި ދިން ބޮމުގެ ހަމަލާއެއްގައި ޕާކިސްތާނުގެ ތިން ފުލުހުން މަރުވެ، އިތުރު ދެ ފުލުހަކަށް އަނިޔާވެއްޖެ ކަމަށް އެ ޤައުމުގެ އޮފިޝަލުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑު އުތުރު ހުޅަނގު ސަރަހައްދު ކަމަށްވާ ޚައިބަރު ޕަޚްތޫންޚްވާގައެވެ. މި ސަރަހައްދުގައި ހަމަނުޖެހުންތައް ތަކުރާރުވަމުންދާތީ ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.

އޭއެފްޕީ ނިއުސް އެޖެންސީއަށް ވާހަކަ ދައްކަވަމުން ކައިރީގައި އޮންނަ ޑޭރާ އިސްމާއިލް ޚާންގެ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ އަލީ ހަމްޒާ ވިދާޅުވީ، އިބްތިދާއީ ރިޕޯޓްތަކުން ދައްކާ ގޮތުގައި މި ހަމަލާ ދީފައިވަނީ “އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް” (އައިއީޑީ) ބޭނުންކޮށްގެން ކަމަށެވެ. ބުދަ ދުވަހުގެ މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން ނަގާފައި ނުވާއިރު، އެ ޤައުމުގެ އެތެރޭގެ ކަންކަން ބަލަހައްޓަވާ ވަޒީރު މުޙްސިން ނަޤްވީ ވަނީ މިކަމުގެ އިނގިލި ޕާކިސްތާން ތާލިބާން (ޓީޓީޕީ) އަށް ދިއްކުރައްވާފައެވެ. ޓީޓީޕީއަކީ އެ ސަރަހައްދުގައި ގިނަ ދުވަހު ހަމަލާތައް ދެމުން އަންނަ ޖަމާއަތެކެވެ.

ޕާކިސްތާނުން ތުހުމަތު ކުރަނީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އެރުމަށް ފަހު، އެ ޤައުމުން ޓީޓީޕީއަށް ރައްކާތެރި ހިޔާވަހިކަން ދެމުންދާ ކަމަށެވެ. ނަމަވެސް ތާލިބާނުން ވަނީ އެމީހުންގެ ސަރަހައްދު އެ ޖަމާއަތުން ބޭނުން ނުކުރާ ކަމަށް ބުނެފައެވެ. މި ދެ ގައުމުގެ ދެމެދު އޮތް ނުތަނަވަސްކަން އޮކްޓޯބަރު މަހު ވަރުގަދަ ކުރިމަތިލުންތަކަކަށް ހިންގައި، އެތައް ބަޔަކު މަރުވިއެވެ.

މިއީ ތާލިބާނުން ވެރިކަމަށް އައި ފަހުން ބޯޑަރު ސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުމެވެ. އެއަށްފަހު ވަގުތީ ހަނގުރާމަ ހުއްޓާލުމެއް އޮތް ނަމަވެސް ނުތަނަވަސްކަން އަދިވެސް އެގޮތުގައި އެބައޮތެވެ. 

އަފްޣަނިސްތާނުން ވަނީ އޭގެ އަވަށްޓެރި ޕާކިސްތާނުން އެ ޤައުމުގެ އިރުމަތީގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދިން ކަމަށް ތުހުމަތުކޮށްފައެވެ. އަދި ޕާކިސްތާނުގައި ދަނީ ސިލްސިލާކޮށް ޖާނުންފިދާވުމުގެ ހަމަލާތައް ކުރިމަތިވަމުންނެވެ. އެގޮތުން އިސްލާމްއާބާދުގެ ކޯޓު ކޮމްޕްލެކްސްއެއްގައި ދިން ޖާނުންފިދާވުމުގެ ހަމަލާގައި 12 މީހުން މަރުވުމާއި، ޕޭޝާވަރުގައި ހުންނަ ޕެރަމިލިޓަރީ މައި މަރުކަޒަކަށް ދިން ހަމަލާއަކީ ޕާކިސްތާނުގެ ކަންބޮޑުވުން އިތުރުކުރި ކަންކަމެވެ.

އެޤައުމުގެ އޮފިޝަލުން ވަނީ މި ހަމަލާތަކުގެ އިނގިލި ޓީޓީޕީއަށް ދިއްކޮށް، އިސްލާމްއާބާދުގެ ބޮމުގެ ހަމަލާއާ ގުޅިގެން އަފްޣާނިސްތާނުގެ ހަތަރު މީހުން ހައްޔަރުކޮށްފައެވެ. އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލް ކަމާލް ޚާން ވިދާޅުވީ، އަންގާރަ ދުވަހު ޚައިބަރު ޕަޚްތޫންޚްވާގެ ބައްނޫ ސިޓީގައި ބަޑީގެ ހަމަލާއެއްގައި ލޯކަލް އެޑްމިނިސްޓްރޭޓަރަކާއި ދެ ފުލުހަކު މަރުވެ، ތިން މީހަކަށް އަނިޔާވި ކަމަށެވެ. އެ ހަމަލާގެ ޒިންމާ ޓީޓީޕީގެ ބައެއް ފެކްޝަނުން ނަގާފައިވާ ކަމަށް އެ އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

ބުދަ ދުވަހުގެ ހަމަލާގެ ޚަބަރު ފެތުރިގެން ދިޔަ ވަގުތު، ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކުރީ އަފްޣާނިސްތާނާއި ޕާކިސްތާނުން ސަޢުދީ ޢަރަބިއްޔާގައި އަލަށް ސުލްޙައިގެ މަޝްވަރާތައް ބާއްވާފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ދެ ފަރާތުން ވެސް ވަނީ ހަނގުރާމަ ހުއްޓާލުން ދެމެހެއްޓުމަށް އެއްބަސްވެފައެވެ. އަފްޣާނިސްތާނުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، ހެޔޮ ނަތީޖާއެއް ހޯދުމަށް އިތުރު ބައްދަލުވުންތަކަށް ކާބުލް ތައްޔާރަށް އޮތް ކަމަށެވެ. މި ދެ ޤައުމުން އޮކްޓޯބަރު މަހު ޤަޠަަރުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، މިދިޔަ މަހު ތުރުކީވިލާތުގައި ބޭއްވި ދެވަނަ ބައްދަލުވުމުގައި ދާއިމީ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ޕާކިސްތާނުން ބުނަނީ ޓީޓީޕީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަވަށްޓެރި ގައުމަށް ޔަގީންކަން ދޭން ބޭނުންވާ ކަމަށެވެ. ނަމަވެސް އަފްޣާނިސްތާނުން ރައްދު ދެނީ އަވަށްޓެރި ޤައުމެއްގެ ސަލާމަތީ ކަންކަން ކަށަވަރުކޮށްދިނުމަށް އެ ޤައުމަކަށް އެދިގެން ނުވާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450