Ads by Stelco

ޚަބަރު

އޮޕަރޭޝަން އަލިމަގު: އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ އިސްފަރާތްތަކެއް ހައްޔަރަށް!

އޮޕަރޭޝަން އަލިމަގު: އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ އިސްފަރާތްތަކެއް ހައްޔަރަށް!

މީހަކު ހައްޔަރުކުރަނީ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ޑިސެމްބަރު 2025، 12:21

04 ޑިސެމްބަރު 2025، 12:21

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން އަލިމަގު ގައި އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ އިސްފަރާތްތަކެއް ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޮޕަރޭޝަން އަލިމަގުގެ ދަށުން މިމަހުގެ 3 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯރކެއްގެ އިސްފަރާތްތައް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެ ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަޙުޤީގެއް ވެސް މިއަހަރުގެ މާރިޗް މަހުން ފެށިގެން ފުލުހުން ފަށާފައިވާ ކަމަށެވެ. އަދި އެ ނެޓްވޯރކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ހޯދިފައިވާ ކަމަށާއި، ފާއިތުވި 5 އަހަރު އެ ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އެ އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއެކު، މައްސަލައިގެ ތަޙުޤީގު ކުރިއަށްދާ މިންވަރަކުން އިތުރު މަޢުލޫމާތު ހިއްސާކުރަމުންދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

އޮޕަރޭޝަން އަލިމަގަކީ، ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމަޢުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ. 

މަސްތުވާތަކެތީގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން