ދުނިޔެ / ވިޔަފާރި
އިންޑިގޯގެ އުދުހުންތަކެއް ކެންސަލްކޮށް، އެތަކެއް ހާސް ފަސިންޖަރުން އެއަރޕޯޓްގައި ތާށިވެއްޖެ
އިންޑިގޯގެ ފްލައިޓެއް ފޮޓޯ: އިންޓަނެޓް
އިންޑިޔާގެ އެންމެ މަޝްހޫރު އެއާލައިން ކަމަށްވާ އިންޑިގޯއިން، ގިނަ އަދަދެއްގެ އުދުހުންތައް ކެންސަލް ކުރުމާ ގުޅިގެން، އެތައް ހާސް ފަސިންޖަރުން ވައިގެ ބަނދަރުތަކުގައި ތާށިވެއްޖެއެވެ. މިކަމުގެ ސަބަބުން ފަސިންޖަރުންނަށް އެތަކެއް ގަޑިއިރެއް ވައިގެ ބަނދަރުތަކުގައި ހޭދަކުރަން ޖެހިފައިވާއިރު، މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިންޑިޔާ ސަރުކާރުން ވައިގެ އުދުހުންތަކުގެ ދާއިރާއަށް އަލަށް ތައާރަފު ކުރި ޤަވާއިދުތަކަކާ ގުޅިގެން ކަމަށް ވައިގެ އުދުހުންތަކުގެ ދާއިރާގެ މާހިރުން ބުނެއެވެ.
ފަސިންޖަރުންނަށް ދަތުރުފަތުރުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ، ޑިސެންބަރު 4 ވަނަ ދުވަހު އިންޑިގޯގެ 175 އުދުހުން ކެންސަލް ކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން، އޭގެ ކުރީ ދުވަހު ވެސް އެ އެއާލައިންގެ 150 އުދުހުން ވަނީ ކެންސަލްކޮށްފައެވެ. އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން ތާށިވެފައިވަނީ އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގެ އިތުރުން މުމްބާއީ، ހައިދަރްއާބާދު، ޕޫނޭ އަދި ބެންގަލޫރުގެ ވައިގެ ބަނދަރުތަކުގައެވެ.
މި އުދުހުންތައް ކެންސަލް ކުރަން ޖެހުނު މައިގަނޑު ސަބަބަކީ އިންޑިޔާ ސަރުކާރުން ވައިގެ އުދުހުންތަކުގެ ދާއިރާއަށް ތައާރަފުކުރި އައު ޤަވާއިދުތަކެކެވެ. އިންޑިޔާގެ ޕައިލެޓުންގެ އިއްތިޙާދުން ބުނި ގޮތުގައި، ޕައިލެޓުންނަށް އަރާމު ދިނުމާއި، ރޭގަނޑުގެ ވަގުތުގައި ދަތުރު ކުރުމާ ބެހޭ އައު ޤަވާއިދުތަކަށް ޢަމަލު ކުރަން ފަށާފައިވަނީ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ޕައިލެޓުންގެ އިއްތިޙާދުން ހާމަކުރި ގޮތުގައި، އިންޑިގޯއިން މި އައު ސިޔާސަތުތަކާ އެއްގޮތަށް ޕައިލެޓުންގެ ޑިއުޓީ އިންތިޒާމުތައް ހަމަޖެއްސުމުގައި ފޭފިވެފައިވާކަން ފާހަގަކުރެވެއެވެ.
އައު ޤަވާއިދާ އެއްގޮތަށް ޑިއުޓީތައް ބައްޓަން ކުރަން ޖެހުމުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބައެއް އުދުހުންތައް ކެންސަލް ކުރަން ޖެހިފައިވާ ކަމަށް އިންޑިގޯއިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، މި މައްސަލަގަނޑާ ގުޅިގެން އުދުހުންތައް ކެންސަލް ކުރަން ޖެހި، އެތަކެއް ހާސް ފަސިންޖަރުންގެ ދަތުރަށް ހުރަސް އެޅުމާ ބެހޭ ގޮތުން އެ އެއާލައިނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. މިކަމާ ގުޅިގެން އިންޑިގޯގެ ގިނަ ފަސިންޖަރުންތަކެއް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
އިންޑިޔާގެ އެތެރޭގެ އުދުހުންތަކުގެ ބާޒާރުގެ %60 ހިއްސާ ކުރަނީ އިންޑިގޯންނެވެ. ނަމަވެސް، މި މައްސަލަގަނޑާ ގުޅިގެން ހިއްސާގެ ބާޒާރުގައި އިންޑިގޯގެ ހިއްސާގެ އަގަށް ވަނީ ލޮޅުން އަރައި، %3.4 ދަށަށް ގޮސްފައެވެ. މުޅި ހަފުތާއަށް ބަލާއިރު އިންޑިގޯގެ ހިއްސާގެ އަގު ވަނީ %6 ދަށްވެފައެވެ. ވައިގެ އުދުހުންތަކުގެ ޤަވާއިދަށް ގެނައި އައު ބަދަލުތަކާ ގުޅިގެން، ވައިގެ އުދުހުންތަކުގެ ޚިދުމަތްދޭ އެހެން ކުންފުނިތައް ކަމުގައިވާ އެއަރ އިންޑިޔާއާއި ސްޕައިސްޖެޓާއި އަކާސާ އެއަރގެ ޚިދުމަތްތަކަށް އަސަރު ކޮށްފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.