ސައިންސް

ގްރިން2އޭ ޖީން" އަކީ ނަފްސާނީ ބަލިތައް ޖެހެން މެދުވެރިވާ ޖީންގެ ގޮތުގައި ފާހަގަކުރެވިއްޖެ: ޖަރުމަނުގެ ސައިންސްވެރިން

ގްރިން2އޭ ޖީން" އަކީ ނަފްސާނީ ބަލިތައް ޖެހެން މެދުވެރިވާ ޖީންގެ ގޮތުގައި ފާހަގަކުރެވިއްޖެ: ޖަރުމަނުގެ ސައިންސްވެރިން

އިންސާނުންގެ ޖީންއާ ގުޅުންހުރި ކުރެހުމެއް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޑިސެމްބަރު 2025، 01:04

04 ޑިސެމްބަރު 2025، 01:04

ނަފްސާނީ ބަލިތައް ޖެހުމުގައި ޖީންތަކުގެ ދައުރާބެހޭ ގޮތުން ކުރިން އޮތް ތިއަރީއަށް ބޮޑު ބަދަލެއް އަންނަ ހޯދުމެއް ޖަރުމަނުގެ ސައިންސްވެރިން ހާމަކޮށްފިއެވެ. ގިނަ ޖީންތަކެއް ގުޅިގެން ނަފްސާނީ ބަލިތައް ޖެހޭކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް، މި ދިރާސާއިން ދައްކާފައިވަނީ ހަމައެކަނި އެންމެ ޖީނެއް ކަމުގައިވާ "ގްރިން2އޭ" (GRIN2A) އަކީ ނަފްސާނީ ބަލިތައް ސީދާކޮށް ޖައްސާ ފުރަތަމަ ޖީން ކަމުގައެވެ.

"މޮލިކިއުލަރ ސައިކިއެޓްރީ" ސައިންޓިފިކް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ހާމަވެފައިވަނީ ގްރިން2އޭ ޖީންގެ ވަކިވައްތަރުތައް ހުންނަ ފަރާތްތަކަށް، އާންމުކޮށް ކުޑައިރު ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ފެންނަން ފަށާކަމެވެ. އާންމުކޮށް މިފަދަ އަލާމާތްތައް ފެންނަނީ ބޮޑުވުމުން ނުވަތަ ޒުވާން އުމުރުގައެވެ.

މި ހޯދުމަކީ ނަފްސާނީ ބަލިތަކުގެ އަސްލު ދެނެގަތުމަށާއި ފަރުވާ ކުރުމަށް އައު ދޮރެއް ހުޅުވާލި ކަމެއް ކަމަށް ދިރާސާގެ މައި ލިޔުންތެރިޔާ، ލައިޕްޒިގް ޔުނިވަރސިޓީ މެޑިކަލް ސެންޓަރުގެ އިންސްޓިޓިއުޓް އޮފް ހިއުމަން ޖެނެޓިކްސްގެ ޑިރެކްޓަރ، ޕްރޮފެސަރ ޔޯހަންސް ލެމްކެ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ދިރާސާއިން ދައްކާ ގޮތުގައި ގްރިން2އޭ އަކީ ހަމައެކަނި  ނަފްސާނީ ބަލި ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ ފުރަތަމަ ޖީނެވެ. މިއީ ކުރިން ގަބޫލުކުރެވިފައިވާ ގިނަ ޖީންތަކެއްގެ ސަބަބުން ބަލި ޖެހޭ ކަމަށް ބުނާ ވާހަކައާ ތަފާތު ކަމެއް" ޕްރޮފެސަރ ލެމްކެ ވިދާޅުވިއެވެ.

ނަފްސާނީ ބަލިތައް ކުރީބައިގައި ފެނުން

ދިރާސާކުރި ޓީމުން ވަނީ ގްރިން2އޭ ޖީންގައި ބަދަލުތައް ހުރި 121 ފަރާތެއްގެ މައްޗަށް ތަފާސްހިސާބުގެ ދިރާސާއެއް ކޮށްފައެވެ. ޕްރޮފެސަރ ލެމްކެ އިތުރަށް ބަޔާންކުރެއްވީ، "މި ޖީންގެ ވަކި ވައްތަރުތަކަކީ ސްކިޒޯފްރީނިއާ އާއި އެހެނިހެން ނަފްސާނީ ބަލިތަކާ ގުޅުން ހުރި ކަން އަޅުގަނޑުމެންނަށް ދެއްކިއްޖެ، މުހިންމު ކަމަކީ، މި ބަލިތައް ގިނަ ފަހަރަށް ފެންނަން ފަށަނީ ޅައުމުރުގެ ދުވަސްވަރު ނުވަތަ ޒުވާން އުމުރުގަ، މިއީ އާންމުކޮށް ބޮޑުވެގެން މިފަދަ ބަލިތައް ފެންނަ ގޮތާ ހާސްބައި ތަފާތު ކަމެއް."

މީގެ އިތުރުން، ގްރިން2އޭ ޖީންގެ ބަދަލުތަކަކީ އާންމުކޮށް އެޕިލެޕްސީ (ސިކުނޑީގެ ބަލި) ނުވަތަ ބުއްދީގެ ހަމަނުޖެހުންތަކާ ގުޅުންހުރި ކަމެއް ނަމަވެސް، ބައެއް ފަރާތްތަކަށް ހަމައެކަނި ނަފްސާނީ އަލާމާތްތައް ފެނުނުކަން ވެސް ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ގްރިން2އޭ ޖީނުން ސިކުނޑީގެ ސިގްނަލްތަކަށް އަސަރުކުރާ ގޮތް

ގްރިން2އޭ ޖީނަކީ ސިކުނޑީގައިވާ ނިއުރޯނަލް ހަރަކާތްތައް ކޮންޓްރޯލްކުރުމަށް އެހީތެރިވާ ޖީނެކެވެ. ދިރާސާއިން ހޯދާފައިވާ ގޮތުގައި، މި ޖީންގެ ބައެއް ވައްތަރުތަކުން އެން.އެމް.ޑީ.އޭ (NMDA) ރިސެޕްޓަރސްގެ ހަރަކާތް ދަށްކުރެއެވެ. މި ރިސެޕްޓަރސްތަކަކީ ސިކުނޑީގެ ސެލްތަކާ ދެމެދު މުއާމަލާތްކުރުމަށް ވަރަށް މުހިންމު ޕްރޮޓީނެކެވެ.

ޕްރޮފެސަރ ލެމްކެ އާއި ހައިޑެލްބަރގް ޔުނިވަރސިޓީ ހޮސްޕިޓަލްގެ ކުޑަކުދިންގެ ނިއުރޯލޮޖިސްޓް ޕްރޮފެސަރ ސްޓެފާން ޒިރްބީ ގުޅިގެން ކުރެއްވި މަސައްކަތުން ވަނީ މި ހަރަކާތް ދަށްވުމުގެ ސިއްހީ މުހިންމުކަން ދައްކުވައިފައެވެ. ކުރީބައިގައި ދިން ފަރުވާގެ ތެރެއިން އެލް-ސެރިން (L-serine) ނަމަކަށް ކިޔާ ކާނާގެ ބޭހެއް (ޑައިއެޓަރީ ސަޕްލިމެންޓް) ދިނުމުން، އެން.އެމް.ޑީ.އޭ ރިސެޕްޓަރސް ހަރަކާތްތެރިކުރުވައި، ނަފްސާނީ އަލާމާތްތަކަށް  ކުރިއެރުންތަކެއް ފެނިފައިވެއެވެ.

ޕްރޮފެސަރ ލެމްކެ އާއި ޕްރޮފެސަރ ޒިރްބީ ވަނީ ކުޑަކުދިންގެ ގްލޫޓެމޭޓް ރިސެޕްޓަރސްއާ ގުޅުންހުރި ސިކުނޑީގެ ބަލިތައް ދެނެގަތުމަށް ގާތްގަނޑަކަށް 15 އަހަރު ވަންދެން ގުޅިގެން މަސައްކަތް ކުރައްވާފައެވެ. މި މުއްދަތުގެ ތެރޭގައި ޕްރޮފެސަރ ލެމްކެ ވަނީ ގްރިން2އޭ ބަލިމީހުންގެ ދުނިޔޭގެ އެންމެ ބޮޑު ރެޖިސްޓްރީ ގާއިމްކުރައްވާފައެވެ. މި ރެޖިސްޓްރީއަކީ މި ހޯދުމަށް ބޭނުންވި މައުލޫމާތުތަކުގެ ބިންގަލެވެ.

2021 ވަނަ އަހަރުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) ގެ ރިޕޯޓަކުން ދައްކާ ގޮތުގައި، ދުނިޔެއިން ކޮންމެ 7 މީހަކުން 1 މީހަކު ނަފްސާނީ ބައްޔެއްގައި ދިރިއުޅެއެވެ. އޭގެތެރެއިން ބިރުގަތުމާއި ހިތާމަވެރިކަން (އެންޒައިޓީ އެންޑް ޑިޕްރެޝަން) އަކީ އެންމެ އާންމު ބަލިތަކެވެ. ނަފްސާނީ ބަލިތައް އާންމުކޮށް ޖެހެނީ ގިނަ ސަބަބުތަކެއް ގުޅިގެންނެވެ. އޭގެ ތެރޭގައި ޖީންތަކުގެ ދައުރަކީ އެއިން ބައްޔެއް ޖެހުމުގެ ފުރުސަތު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން