ދުނިޔެ

އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ކުދިން މެޓާގެ ޕްލެޓްފޯމުތަކުން ވަކިކުރަން ފަށައިފި!

އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ކުދިން މެޓާގެ ޕްލެޓްފޯމުތަކުން ވަކިކުރަން ފަށައިފި!

16 އަހަރުން ދަށުގެ ކުދިންތަކެއް ފޯނު ބޭނުންކުރަނީ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޑިސެމްބަރު 2025، 01:21

04 ޑިސެމްބަރު 2025، 01:21

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ޤާނޫނެއް އަންނަ ހަފުތާގައި ތަންފީޒުކުރަން ފަށާތީ، މެޓާ ކުންފުނިން އިންސްޓަގްރާމް، ފޭސްބުކް އަދި ތްރެޑްސް ޕްލެޓްފޯމުތަކުން މި އުމުރުފުރާގެ ކުދިން ވަކިކުރަން ފަށައިފިއެވެ. މި ބަދަލުތަކާ ގުޅިގެން ގާތްގަނޑަކަށް 150,000 ފޭސްބުކް އެކައުންޓް އަދި 350,000 އިންސްޓަގްރާމް އެކައުންޓަށް އަސަރުކުރާނެ ކަމަށް އަންދާޒާކުރެވެއެވެ. ތްރެޑްސް ބޭނުންކުރެވޭނީ އިންސްޓަގްރާމް އެކައުންޓަކާ ގުޅުވައިގެން ކަމަށް ވުމުން، އެ ޕްލެޓްފޯމްތަކުން ވެސް މި އުމުރުފުރާގެ ކުދިން ވަކިކުރެވޭނެއެވެ.

މެޓާއިން މިދިޔަ މަހު އިއުލާންކުރީ، 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް އަންގަން ފަށާފައިވާ ކަމަށާއި، އެމީހުންގެ އެކައުންޓްތައް ޑިސެންބަރު 4 ވަނަ ދުވަހުން ފެށިގެން ބަންދުކުރެވޭނެ ކަމަށެވެ. އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ، ދުނިޔޭގައި ފުރަތަމަ މިފަދަ ޤާނޫނު ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެއެވެ. މި ޤާނޫނާ އެއްގޮތަށް އަމަލުނުކުރާ ކުންފުނިތަކަށް 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (ގާތްގަނޑަކަށް 33 މިލިއަން އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

ބީބީސީއަށް ބުރާސްފަތި ދުވަހު މެޓާގެ ތަރުޖަމާނަކު ވިދާޅުވީ، ޤާނޫނަށް ތަބާވުމަކީ ކުރިއަށްދާނެ އަދި  ފުރިހަމަކުރާނެ ކަމެއް ކަމަށެވެ. "މެޓާއިން ޤާނޫނަށް ތަބާވުމަށް ކޮމިޓްވެފައިވީ ނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަނީ، މިކަމަށް  މިންގަނޑުކުރެވިފައިވާ، އަދި ޕްރައިވެސީ ރައްކާތެރިކުރާނެ ގޮތެއް ބޭނުންވާނެ ކަމަށް،" މެޓާގެ ތަރުޖަމާނު ވިދާޅުވިއެވެ.

މެޓާއިން ބުނެފައިވަނީ، ސަރުކާރުން އެޕް ސްޓޯރުތަކަށް ބާރު އެޅުއްވައި، ކުދިން އެޕް ޑައުންލޯޑްކުރާއިރު އެމީހުންގެ އުމުރު ކަށަވަރުކޮށް، 16 އަހަރުން ދަށުގެ ކުދިންނަށް ބެލެނިވެރިންގެ ހުއްދައަށް އެދުމަށް މަޖުބޫރުކުރަން ޖެހޭނެ ކަމަށެވެ. އެގޮތް ރަނގަޅީ، އެކި އެޕްތަކުގައި އުމުރު ކަށަވަރުކުރަން ޖެހޭ ހާލަތް ނައްތާލެވޭނެ ކަމަށް މެޓާއިން ބުނެއެވެ.

މެޓާއިން މިދިޔަ މަހު ބުނެފައިވަނީ، 16 އަހަރުން ދަށުގެ ކުދިންގެ ގޮތުގައި ފާހަގަކުރެވޭ އެކައުންޓްތަކަށް، އެ އެކައުންޓްތައް ޑިއެކްޓިވޭޓްކުރުމުގެ ކުރިން، އެމީހުންގެ ޕޯސްޓުތަކާއި، ވީޑިއޯތަކާއި، މެސެޖުތައް ޑައުންލޯޑްކޮށް ސޭވްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި، އުމުރު ގޯސްކޮށް ބެހިފައިވާ ކަމަށް ގަބޫލުކުރާ ކުދިންނަށް، އެކައުންޓް މުރާޖާޢާކުރުމަށް އެދި، އުމުރު ކަށަވަރުކުރުމަށް ވީޑިއޯ ސެލްފީއެއް ހުށަހެޅޭނެއެވެ. އެހެން ނޫން ނަމަ، ޑްރައިވިން ލައިސަންސް ނުވަތަ ސަރުކާރުން ދޫކޮށްފައިވާ ދަފްތަރު ކާޑެއް ވެސް ހުށަހެޅިދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން