ޚަބަރު
މަސްތުވާތަކެތި ވިއްކާ އެ ބޭނުންކުރާ މީހުންނަށް ރާއްޖޭގައި ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު: ވަޒީރު އިޙްސާން
ވަޒީރު އިޙްސާނު/ފޮޓޯ: ވުޒާރާ
މަސްތުވާތަކެތި ވިއްކާ އެ ބޭނުންކުރާ މީހުންނަށް ރާއްޖޭގައި ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ އިސް ބަޔަކު ހައްޔަރުކުރުމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ، ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާރގެޓްކުރެވިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، ވަޒީރު ވަނީ ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަޞޭޙަތްތެރިވެފައެވެ.
ފުލުހުންގެ ތަޙުޤީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަހުމެއް ހަމްދަރުދީ އެއް އިސްތިސްނާއެއް ނޯންނާނެކަން ފާހަގަކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ވިއްކާ މީހުންނަށް ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު ކަމަށެވެ.
މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން އަލިމަގު ގައި 2025 ޑިސެމްބަރ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީ ގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯރކެއްގެ އިސްފަރާތްތައް ފުލުހުންވަނީ ހައްޔަރުކޮށްފައި.
— Minister of Homeland Security & Technology (@min_mohst) December 4, 2025
މި…
މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން އަލިމަގުގައި މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯރކެއްގެ އިސްފަރާތްތައް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައިވަނީ މި އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.
މި ނެޓްވޯރކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ވަނީ ހޯދިފައެވެ. އަދި ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފުލުހުން ހާމަކުރި މަޢުލޫމާތުގައި ވެއެވެ.
މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއި މައްސަލައިގެ ތަޙުޤީގު ކުރިއަށްދާ މިންވަރަކުން އިތުރު މަޢުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.