ޚަބަރު
ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ލެބޯޓްރީއެއް ތަރައްޤީކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި!
ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތު އެގްރިމެންޓުގައި ސޮއި ކުރުން. ފޮަޓޯ:ދަނޑުވެރިކަމާބެހޭ ވުޒާރާ
ހުލާސާ
ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
11 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ވެންޒާ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްއެވެ.
އެކުންފުނީގެ ފަރާތުން މި އެގްރިމެންޓުގައި ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ހާނިސް މޫސާއެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ވަޒީރު ޑރ. އައިޝަތު ރަމީލާއެވެ.
މިކަމާއި ގުޅިގެން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޤައުމީ ފެންވަރުގައި ޤާއިމްކުރާ މިލެބޯޓްރީ ފެސިލިޓީ ބިނާކުރަނީ "ޕްލާންޓް ޕެތޮލޮޖީ، އެންޓޮމޮލޮޖީ، ސޮއިލް ސައިންސް އަދި ޕްލާންޓް ޓިޝޫ ކަލްޗަރ" ޚިދުމަތް ފޯރުކޮށްދެވޭނެ ފެންވަރަށް ކަމަށެވެ.
އަދި މި މަސަައްކަތް 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ނިންމާ ޙަވާލުކުރަން އެއްބަސްވެފައިވާއިރު، ލެބޯޓްރީ ފެސިލިޓީއިން ވީހާވެސް އަވަހަކަށް ޚިދުމަތްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައިން ވާންޖެހޭ ތައްޔާރީތަކުގެ ބޮޑު ބައި، އެކި މަޝްރޫޢުތަކުގެ އެހީގައި މިހާރުވެސް ވުޒާރާއިން ނިންމާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން، މި ފެސިލިޓީގައި ހިމެނޭ ސޮއިލް ސައިންސް ލެބޯޓްރީއަށް ބޭނުންވާ އާލާތްތައް ހޯދާފައިވަނީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި UNDPއިން ކުރިއަށް ގެންދާ ޕްރޮޖެކްޓް ފޮރ ޑިވެލޮޕިންގ ސަސްޓެއިނަބަލް އިކޮނޮމީ މަޝްރޫޢު އިން ކަމަށާ، ފެސިލިޓީގައި ހިމެނޭ އެހެން ލެބޯޓްރީތަކަށް ބޭނުންވާ އާލާތްތައް ހޯދާފައިވަނީ އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްއިންކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިހުރިހާ ތަކެއްޗެއްވެސް ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ މި ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ 4 ލެބޯޓްރީގައި ޓެކްނީޝަނުންގެ ގޮތުގައި 8 މުވައްޒަފުން، އަދި ލީޑް ސައިންޓިސްޓުން ޙަރަކާތްތެރިވާން ހަމަޖެހިފައިވާކަމަށެވެ. މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީއިން ކަމަށާއި، މުވައްޒަފުން ނެގުމާއި ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯލްޑް ބޭންކްގެ އެހީގައި އެ ވުޒާރާއާއި ގުޅިގެން މަސްވެރިކަމާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދާ މަޝްރޫޢަކުން ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ލެބޯޓްރީ މަސައްކަތު އެގްރިމެންޓުގައި ސޮއިކުރުމަށް މިއަދު ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މިމަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާގޮތް ވިލަރެސްކޮށް، ކޮންޓްރެކްޓަރުގެ މަސައްކަތްތަކަށް ފަހި ކޮށްދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލާއެކު ވެސް ސޮއި ކޮށްފައެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ސޮއިކުރެއްވި މި އެއްބަސްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤްއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިޔާއާއި މުޚާތަބު ކުރައްވައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މިލެބޯޓްރީ ފެސިލިޓީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ޚިދުމަތް ދޭން ފެށުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި ލެބޯޓްރީން ދެވޭ ޚިދުމަތްތަކުން ރާއްޖޭގެ ދަނޑުވެރިކަމަށް އެދެވޭ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރާކަމަށެވެ.
ފުވައްމުލަކު ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީއެއް ޤާއިމްކުރުމަކީ ސިޓީ ކައުންސިލްއާއި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށާއި މިލެބޯޓްރީގެ ސަބަބުން ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެންމެހާ ދަނޑުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރާކަމަށް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާއީލް ރަފީޤުވަނީ ވިދާޅުވެފައެވެ.