ޚަބަރު
އެމްއޭސީއެލްގެ އެހީގައި ހުރަވީ ސްކޫލުގައި ޤާއިމު ކުރި "ހުނަރު ވެހި" އިން ހިންގި ކޯސްތަކުގެ ފުރަތަމަ ދަސްވެނިވުން ބާއްވައިފި
އެމްއޭސީއެލްގެ އެހީގައި ހުރަވީ ސްކޫލުގައި ޤާއިމު ކުރި "ހުނަރު ވެހި" އިން ހިންގި ކޯސްތަކުގެ ފުރަތަމަ ދަސްވެނިވުން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެހީތެރިކަމާއެކު ހުޅުމާލޭ ހުރަވީ ސްކޫލުގައި ޤާއިމު ކުރި ވޮކޭޝަނަލް ހަބް، "ހުނަރު ވެހި" އިން ހިންގި ފުރަތަމަ ދެ ކޯހުގެ ދަސްވެނިވުން ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ހުރަވީ ސްކޫލުގައެވެ.
މި ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑު މެމްބަރު އަދި ޗީފް ކޮމާޝަލް އޮފިސާ (ސީސީއޯ) މުހައްމަދު މިހާދެވެ.
މި ރަސްމިއްޔާތުގައި "ހުނަރު ވެހި" އިން ހިންގި ފުރަތަމަ ދެ ކޯހުން ޖުމްލަ 42 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. މި ދަރިވަރުން ދަސްވެނިވީ ނޭޝަނަލް ސެޓްފިކޭޓް ލެވެލް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނެންސް އަދި ނޭޝަނަލް ސެޓްފިކޭޓް ލެވެލް 3 އިން ފެޝަން ޑިޒައިން އެންޑް ޓެއިލަރިންގެ ތިން ބެޗަކުންނެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީސީއޯ މުހައްމަދު މިހާދު ވިދާޅުވީ، ދަރިވަރުން ކިޔެވުމުގެ ތެރެއިން ދަސްކުރާ ހުނަރުތަކަކީ އެ ދަރިވަރުންގެ މުސްތަޤުބަލަށް މުހިންމު ފައިދާއެއް ކުރާނެ ކަންކަން ކަމަށެވެ. ހާއްސަގޮތެއްގައި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުވުމަށް ހުނަރުވެރި ދިވެހިން ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ތަޢުލީމީ ނިޒާމުގެ ތެރެއިން މިފަދަ ތަމްރީނު ދެވިގެން ދިއުމުގެ މުހިންމުކަން މިހާދު ފާހަގަ ކުރެއްވިއެވެ.

މި މަޝްރޫއަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށާއި އުފެއްދުންތެރި އަދި ބިނާ ކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
"ހުނަރު ވެހި" ޤާއިމު ކުރުމުގެ މަސައްކަތުގެ ތެރެއިން، އެމްއޭސީއެލްއިން ވަނީ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ހުނަރު ވެހިން ހިންގާ ކޯސްތަކަށް ބޭނުންވާ ވަޑާން ކުރުމަށާއި ކަރަންޓާއި ވަޔަރިން، ވެލްޑިން ކުރުމަށާއި ފެހުމަށް ބޭނުންވާ ސާމާނު ވެސް ވަނީ ހަދިޔާކޮށްފައެވެ.
ހުރަވީ ސްކޫލުގެ ޕްރިންސިޕަލް، މުޙައްމަދު ޙަލީމް ވަނީ "ހުނަރު ވެހި" ތަރައްގީ ކޮށްދެއްވައި ކޯސްތައް ކުރިއަށް ގެންދިއުމަށްޓަކައި އެމްއޭސީއެލުން ދެއްވަމުންގެންދާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.