ޚަބަރު
ރ. މަޑުއްވަރީގައި 400 ކިލޯވޮޓްޕީގެ ސޯލާ ޕީވީ ހައިބްރިޑް ނިޒާމެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދަނީ
މަސައްކަތުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ރ. މަޑުއްވަރީގައި 400 ކިލޯވޮޓްޕީ (kWp) ގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް، 344 ކިލޯވޮޓް ގަޑީގެ (kWh) ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމަކާއެކު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ދެމެހެއްޓެނިވި ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ނިޒާމު ބޭނުންކުރަން ފެށުމާއެކު، އަހަރަކު 187,902 ލީޓަރުގެ ޑީޒަލް ބޭނުންކުރުން މަދުވެ، 460 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ވައިގެ ތެރެއަށް ދޫކުރުން ހުއްޓުވޭނެ ކަމަށެވެ. ހަމަ އެހެންމެ، މިކަމުގެ ސަބަބުން ތިމާވެއްޓަށް ދިމާވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
2028 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ ކަރަންޓު އުފައްދާ މިންވަރުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ވިޝަން ޙާސިލްކުރުމަށް މި މަޝްރޫޢަކީ މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، މި ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ނިމި، މަޑުއްވަރީ ރައްޔިތުންނަށް އޭގެ ފައިދާ ލިބެން ފަށާނެ ދުވަހަކަށް ގިނަ ބަޔަކު އުންމީދުކުރާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ތެރޭގައި ހިންގަވާ ވަރަށް މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢުއެވެ.