ޚަބަރު
ޖަޕާން ސަރުކާރުގެ އެހީގައި ދިއްފުށީގައި ޞިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކޮށްފި
މި ނިޒާމް ޤާއިމްކުރުން/ފޮޓޯ: ވުޒާރާ
ޖަޕާން ސަރުކާރުގެ އެހީގައި ކ. ދިއްފުށީގައި ޞިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކޮށްފިއެވެ.
މިއީ ޖަޕާން ސަރުކާރުން ފައިސާގެ އެހީގައި ޔޫއެންޑޕީ އިން 2022 އިން 2025 އަށް ހިންގަމުންދާ 4.4 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއްކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ މަޤްޞަދަކީ، އިންސާނުންނާއި ތިމާވެށީގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި، ޞިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުން ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން ކަމަށެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ ދާއިރާގެ ކުނިމެނޭޖް ކުރުމަށް ޚާއްޞަ ކުރެވިފައިވާ ޢިމާރާތްތަކާއި، ސާފު ހަކަތައިގެ އުޅަނދުތަކާއި، ރައްކާތެރިކަމާއިއެކު ކުނި ނައްތާލުމުގައި ބޭނުންކުރާ ތަކެތި ރަސްމީކޮށް ވަނީ ހަވާލުކުރެވިފައެވެ.
މީގެ އިތުރުން ވެސް ޔޫއެންޑީޕީ އަދި ޖަޕާން ސަރުކާރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސާފު، ރައްކާތެރި، އަދި ދެމެހެއްޓެނިވި ޞިއްޙީ ނިޒާމެއް ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޔޫއެންޑީޕީ އަދި ޖަޕާން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް:
- ކ. ދިއްފުށި ޞިއްޙީ މަރުކަޒުގައި ޤާއިމްކުރެވުނު މި ފެސިލިޓީއާ އެކު، މުޅި ރާއްޖޭގައި 21 ޞިއްޙީ ކުނި މެނޭޖްކުރާ ތަން ހެދުން.
- ތުރާކުނު އަދި ތަކަންދޫ ޞިއްޙީ މަރުކަޒަށް އޮޓޯކްލޭވް ފޯރުކޮށްދިނުން.
- ކުނި އުފުލުމުގައި ރައްކާތެރި، ސާފު-އެނާޖީ ބޭނުންކުރާނެ 65 އިލެކްޓްރިކް ޓްރައިސައިކަލް (ތިން ފުރޮޅުލީ ސައިކަލް) ހަވާލުކުރުން.
- ޑަބްލިޔު.އެޗް.އޯ އާ ގުޅިގެން 656 ޞިއްޙީ މަސައްކަތްތެރިންނަށް ރައްކާތެރިގޮތުގައި ޞިއްޙީ ދާއިރާގެ ކުނި މެނޭޖްކުރާނެގޮތުގެ ތަމްރީނު ދިނުން (ބައިވެރިންގެ ތެރެއިން 90% އަކީ އަންހެނުން).
- ކުނި މެނޭޖްކުރުމުގެ ނިޒާމު ވަރުގަދަ ކުރުމަށް 270 ކޮމްޕިއުޓަރ ސިސްޓަމާއި 40 ނެޓްވޯކް ސްވިޗް ހިމެނޭހެން ޑިޖިޓަލް އަޕްގްރޭޑްތައް ފޯރުކޮށްދިނުން.
- ދެމެހެއްޓެނެވި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީވުމުގެ ގޮތުން އީ.ސީ.ޖީ މެޝިން އާއި އޮޓޯކްލޭވް މެޝިން ހިމެނޭހެން ޞިއްޙީ ޚިދުމަތުގެ ސާމާނު ހޯދުން.
ޞއްޙީ ވުޒާރާ، ޔޫ.އެން.ޑީ.ޕީ، އަދި ޖަޕާން ސަރުކާރުން ގުޅިގެން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސާފު، ރައްކާތެރި، އަދި ދެމެހެއްޓެނިވި ޞިއްޙީ ނިޒާމެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ޞިއްޙީ ނިޒާމަކީ ވޭތުވެދިޔަ ސަރުކާރުތަކުގައި އެންމެ ބޮޑަށް އިޙުމާލުވެފައިވާ ސަރުކާރުކަން ގިނަ ބަޔަކު ފާހަގަކުރާއިރު، ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.