ޚަބަރު
ގއ. މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ގއ. މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ.މާމެންދޫ / ޓިވެގާލައިޓް ، ނާޝިދު އިބްރާހީމް (53އ) އެވެ. ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ މާލެއިން ދާ ބޯޓަކުން މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރާކަމަށް މާމެންދޫ ޕޮލިހަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އެގޮތުން، މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ އާއި ދަތުރުކުރި ބޯޓު ބަލައިފާސްކުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން ބޯޓުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 50 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ނާޝިދު އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 8 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.