ޚަބަރު
އެމްގެޕް ސްޓޭންޑަރޑަށް ދަނޑުވެރިން އަހުލުވެރި ކުރުވުމަށް ވޯކްޝޮޕެއް ބާއްވަނީ
ދަނޑުވެރިކަން ހައްދާ ބައެއް ތަކެތި/ފޮޓޯ: ވުޒާރާ
އެމްގެޕް ސްޓޭންޑަރޑަށް ދަނޑުވެރިން އަހުލުވެރި ކުރުވުމަށް ވޯކްޝޮޕެއް ބޭއްވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ (PDSAE) ގެ ދަށުން މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (M-GAP) ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން މިމަހުގެ 7 އިން 8 އަށް ވޯކްޝްޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ވޯކްޝޮޕްގައި ރާއްޖޭގެ 22 ރަށަކުން 55 ފަރާތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނޭނީ ބައިވެރިވާ ކޮންމެ ރަށަކުން ކައުންސިލް އޮފިޝަަލަކާއި ދަނޑުވެރިއެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. މި ވޯކްޝޮޕްގައި ސްޓެންޑަރޑްގެ ތިއަރީ ބައި މާލޭ ސިޓީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ޕްރެކްޓިކަލް ބައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އއ. ތޮއްޑޫގައިކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްގެޕް އަކީ މުހިންމު ސްޓޭންޑަރޑެއް ކަމަށާއި، މިހާތަނަށް ރާއްޖޭގެ 10 ދަނޑު އެމްގެޕް ސެޓިފައިޑް ވެފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.