ކުޅިވަރު

ކެރަމް ވޯލްޑްކަޕް: ސްރީ ލަންކާ ބަލިކޮށް ރާއްޖެ ސެމީއަށް

ކެރަމް ވޯލްޑްކަޕް: ސްރީ ލަންކާ ބަލިކޮށް ރާއްޖެ ސެމީއަށް

ކެރަމް ވޯލްޑް ކަޕްގައި ރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރި މެޗު / ފޮޓޯ: ސީއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ޑިސެމްބަރު 2025، 08:03

04 ޑިސެމްބަރު 2025، 08:03

ރާއްޖޭގައި މިހާރު ކުރިޔަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެނުންގެ ޓީމް އިވެންޓުގެ ސެމީ ފައިނަލުން ދިވެހިރާއްޖެ ޖާގަ ހޯދައިފިއެވެ. 

ރާއްޖެއިން ސެމީ ކަށަވަރުކުރީ ޓީމް އިވެންޓުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްރީ ލަންކާ ބަލިކުރުމަށްފަހުއެވެ. އެ މެޗުން ލަންކާގެ މައްޗަށް ރާއްޖޭގެ ޓީމުން ކުރި ހޯދީ 2-1 ގޭމުންނެވެ.

އެ މެޗުގެ ޑަބަލްސްގައި ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާ ނިކުތީ ލަންކާގެ ނިޕުނީ ދިލްރުކްޝީ އާއި ތަރޫޝީ ހިމަހަންޝިކާއާ ދެކޮޅަށެވެ. އެ މެޗުގެ ސެޓުތައް ލަންކާގެ ޕެއާރއިން ކާމިޔާބުކުރީ 19-15 އަދި 25-0 އިންނެވެ.

އަދި ސިންގަލްސް ފުރަތަމަ މެޗުގައި އައިމިނަތު ވިދާދު ވަނީ ސީދާ ދެ ސެޓުން ލަންކާގެ ރޮޝީތާ ބަލިކޮށްފައެވެ. އެއީ 23-17 އަދި 18-16އިން ސެޓުތައް ކާމިޔާބުކޮށްގެންނެވެ.

ސިންގަލްސް ދެވަނަ މެޗު ވެސް ކާމިޔާބު ކުރީ ރާއްޖޭގެ ކުޅުންތެރިޔާއެވެ. އެ މެޗުގައި ރާއްޖޭގެ އައިޝަތު ފައިނާޒް ނިކުތީ ލަންކާގެ ތަޝްމިލާ ކާވިންދީއާ ދެކޮޅަށެވެ. މި މެޗުގެ ފުރަތަމަ ސެޓު ތަޝްމިލާ ކާމިޔާބުކުރީ 24-15އިންނެވެ. ނަމަވެސް ފަހު ދެ ސެޓު 17-16 އަދި 19-14 އިން ކާމިޔާބުކުރީ ފައިނާޒްއެވެ. 

ސެމީފައިނަލްގައި ރާއްޖެއިން ނިކުންނާނީ އެމެރިކާއާ ދެކޮޅަށެވެ.

ބާސެލޯސް ނަސަންދުރައިގައި ކުރިޔަށްދާ ކެރަމް ވޯލްޑް ކަޕްގައި 17އަށް ވުރެ ގިނަ ޤައުމުން 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. 

މީގެ ކުރިން، 2014 ވަނަ އަހަރުގައި ވެސް ރާއްޖޭގައި ވަނީ ކެރަމް ވޯލްޑް ކަޕް ބާއްވާފައެވެ. އެ ފަހަރު މުބާރާތް ބޭއްވީ ސަން އައިލެންޑުގައެވެ.

މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ވަނީ، ޓީމް އިވެންޓުން ބްރޯންޒް މެޑަލް ހޯދާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން