ކުޅިވަރު

ކެރަމް ވޯލްޑް ކަޕް: ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑެލް ހާސިލްކޮށްފި

ކެރަމް ވޯލްޑް ކަޕް: ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑެލް ހާސިލްކޮށްފި

ކެރަމް ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމުން އުފާފާޅުކުރަނީ / ފޮޓޯ: ސީއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ޑިސެމްބަރު 2025، 09:11

05 ޑިސެމްބަރު 2025، 09:11

މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެނުންގެ ޓީމް އިވެންޓުން ދިވެހިރާއްޖެ ރިހިމެޑަލް ހޯދައިފިއެވެ.

މިއީ ތާރީޙީ ކާމިޔާބެކެވެ. އެގޮތުން މިއީ ކެރަމް ވޯލްޑް ކަޕްގެ ތާރީޚުގައި ޓީމް އިވެންޓްގައި ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރުކުރިވެސް ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ މި މުބާރާތުގައި ރާއްޖެއިން ހާސިލްކުރި ފުރަތަމަ ރިހި މެޑަލް ވެސް މެއެވެ. 

ސެމީ ފައިނަލްގައި އެމެރިކާ ބަލިކުރުމަށްފަހު ފައިނަލުން ޖާގަ ހޯދިއިރު، ފައިނަލުގައި ރާއްޖެއިން ނިކުތީ އަވަށްޓެރި އިންޑިއާއާ ދެކޮޅަށެވެ. ނަމަވެސް ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ.

ކެރަމް ވޯލްޑް ކަޕްގައި ރާއްޖެ ޓީމުން ކުޅުނު މެޗެއްގެ ތެރެއިން / ފޮޓޯ: ސީއޭއެމް

އެގޮތުން، މި އިވެންޓްގައި ކުޅުނު ޑަބަލްސް މެޗުގައި އިންޑިއާގެ މިތުރާ އާއި ކާޖަލް ކުމާރީގެ ޕެއާރ ވަނީ، ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާ އަތުން 2-1 ސެޓުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-8 އިން އިންޑިއާގެ ޕެއާރ ގެންގޮސްފައިވަނިކޮށް، 17-13 އިން ނަހުފާ އާއި ރަޔާނާ ވަނީ ކުރިހޯދާފައެވެ. އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓުގައި އިންޑިއާގެ ޕެއާ ވަނީ 25-5 އިން ކާމިޔާބުކޮށްފައެވެ.

ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ އައިމިނަތު ވިދާދު އަތުން އިންޑިއާގެ ހާޒިމާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއީ، 24-8، 25-8 އިންނެވެ.

ސިންގަލްސް ދެވަނަ މެޗުގައި އިންޑިއާގެ ކީރްތަނާ ވަނީ ރާއްޖޭގެ އައިޝަތު ފައިނާޒް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުން ކީރްތަނާ މޮޅުވީ 24-6، 25-1 އިންނެވެ.

ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ޤައުމުތަކުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރެއެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން