ޚަބަރު
ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި ޢާންމުކުރަނީ
ހުޅުމާލެ ފޭސް2ގެ ފްލެޓްތައް ފޮޓޯ:އަވަސް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އަންނަ ހަފްތާގައި ޢާންމުކޮށް، ޝަކުވާއަށް ހުޅުވާލާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ހައިދަރު ވިދާޅުވީ، 4000 ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4000 ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާންކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަގުތީ ލިސްޓަށް ޝަކުވާގެ ފުރުސަތުވެސް ހުޅުވާލާފައި އެމަސައްކަތް އެއްކޮށް ނިންމާފައި އިރާދަކުރެއްވިއްޔާ ފުލެޓްތައް ހަވާލުކުރާނަން މިއަހަރު ނިމުމުގެ ކުރިން
ވަޒީރު ވިދާޅުވިއެވެ.
ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ކުރިން ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިދިޔަ މަހު ޢާންމު ކުރެވޭނެކަމަށެވެ. ނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށައެޅި ހުރިހާ ފޯމުތަކެއް ބަލަމުންދާތީ، އެކަމަށް އިތުރު ވަގުތު ބޭނުންވާތީ ލިސްޓް ނެރުން ލަސްކުރީއެވެ.
2022 ވަނަ އަހަރު މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް އިޢުލާނުކުރި "ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. އޭރު 20،607 މީހުން ފޯމު ހުށައެޅިއެވެ. އޭގެތެރެއިން ޝަރުތު ހަމަވެ 13،000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4،000 ފްލެޓްގެއެވެ.
މި ނިންމުމާ ގުޅިގެން ޝަކުވާއަށް ހުށައެޅުމަށް ހުޅުވާލުމުން 7،500 އަށްވުރެ ގިނަ މީހުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށައެޅިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް 300 އަށްވުރެ ގިނަ މައްސަލަ ހުށައެޅިއެވެ.
އޭސީސީން މި ލިސްޓާ ގުޅޭ ތަޙުޤީޤު ހިންގާ ހާމަކުރިގޮތުގައި، 4000 ފްލެޓްގެ ލިސްޓަށް ހޮވި 59.6% މީހުންގެ ޝަރުތު ހަމައެއް ނުވެއެވެ. އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމީ 20.7% ފޯމުގައެވެ. ފްލެޓް ލިސްޓްގެ މައްސަލަ ޙައްލުކޮށް އަލުން ނެރުމަށް އޭސީސީން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އެންގީ މިއަހަރުގެ ފެބްރުއަރީމަހުއެވެ.
ފްލެޓް ލިސްޓް އާންމު ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ މިފްލެޓްތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިންމާފައެވެ. މި 4000 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް އެއްކޮށް ނިމޭނެ ކަމަށް އެފްޑީސީން ލަފާކުރަނީ 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރގައެވެ.