ޚަބަރު
ޔޫއޭއީގެ އިއްތިހާދު އެއަރލައިނަށް ވީއައިއޭގެ އައު ގިމަތައިން ޚިދުމަތްދޭން ފަށައިފި
ވީއައިއޭގެ އައު ގިމަތައިގައި އިއްތިހާދުގެ ޚިދުމަތް ފެށުން
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ގިމަތައިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އިއްތިހާދު އެއަރވޭސްއަށް ރަސްމީކޮށް ޚިދުމަތްދޭން ފަށައިފިއެވެ.
އިއްތިހާދަކީ ވީއައިއޭ އައު ގިމަތައިން ޚިދުމަތް ދޭން ފެށި 29ވަނަ އެއަރލައިނެވެ. ދި މިއާއެކު، މި ގިމަތައިން ޚިދުމަތް ދޭން ފެށި ޔޫއޭއީގެ ތިންވަނަ އެއަރލައިނަކަށް އިއްތިހާދު ވެގެންދިޔައެވެ.
ގިމަތަ 1އިން އިއްތިހާދަށް ޚިދުމަތް ދޭން ފެށުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި އިއްތިހާދު އެއަރވޭސްގެ އޭރިއާ މެނޭޖަރ ސެންޓްރަލް، ރެހާން މުޙައްމަދު ފާއިޒު އާއި އެއަރޕޯޓު މެނޭޖަރ މުނާޒް އަލީގެ އިތުރުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގެ ތެރެއިން އިއްތިހާދު އެއަރވޭސްގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއަރލައިނުން ފުރި 305 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ގިމަތައަށް ކައިރިކުރި އިއްތިހާދު އެއަރވޭސްގެ ފުރަތަމަ ފްލައިޓުން އައި 180 ފަސިންޖަރުންނަށް ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދިނުން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ޤާއިމްވެފައިވާ އިއްތިހާދު އެއަރވޭސްއަކީ އެ ޤައުމުގެ ޤައުމީ އެއް އެއަރލައިނެވެ. އަދި އެއީ އެ ޤައުމުގެ ދެވަނައަށް އެންމެ ބޮޑު އެއް އެއަރލައިނެވެ. އިއްތިހާދު އެއަރވޭސްއިން ރާއްޖެއަށް ދަތުރުތައް ފެށީ 2011 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.