Ads by Stelco

ޚަބަރު

ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 11 ވިޔަފާރިއެއް ބަންދުކޮށްފި

ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 11 ވިޔަފާރިއެއް ބަންދުކޮށްފި

އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: އިމިގްރެޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ޑިސެމްބަރު 2025، 04:27

05 ޑިސެމްބަރު 2025، 04:27

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން އައި 11 ވިޔަފާރިއެއް ބަންދުކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން  ވިދާޅުވެއްޖެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ހިންގަމުންދާ އިންސްޕެކްޝަންތަކާ ގުޅިގެންނެވެ.

އިޤްތިޞާދީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް 27 ނޮވެމްބަރުގައި ކުރެވުނު އިއުލާނާ ގުޅިގެން، ޓާސްކްފޯހުން ދަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، އަދި ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހުއްޓުވުމެވެ.

މި އިޢުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ލިބިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. އެގޮތުން ޖުމްލަ 35 ތަނެއް އިންސްޕެކްޓް ކުރެވިފައިވާއިރު، މީގެ ތެރޭގައި 20 ކެފޭ، 12 ރީޓެއިލް އައުޓްލެޓް، 2 ގަރާޖް އަދި 11 ގެސްޓްހައުސް ހިމެނެއެވެ. މި އިންސްޕެކްޝަންތަކަށް ފަހު 11 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.

ވިޔަފާރި ބަންދު ކުރުމަށް ނޯޓިސް ދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި އަދި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭ ކަމަށް ވުޒާރާއިން ބަޔާންކުރެއެވެ. މީގެ އިތުރުން، ދިވެހިން ނިވާފަތްގަނޑަކަށް ބޭނުން ކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަހުޤީޤީ އިދާރާތަކާއެކު މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އިޤުތިޞާދީ ވުޒާރާއިން ވަނީ ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ހާމަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން