ދުނިޔެ

އިޒްރޭލަށް އެހީތެރިވި ޔާސިރު އަބޫ ޝަބާބު މަރާލުމުން ފަލަސްޠީނުގެ ރައްޔިތުން އުފާފާޅުކޮށްފި

އިޒްރޭލަށް އެހީތެރިވި ޔާސިރު އަބޫ ޝަބާބު މަރާލުމުން ފަލަސްޠީނުގެ ރައްޔިތުން އުފާފާޅުކޮށްފި

އަބޫޝަބާބް މަރުވުމުން ޣައްޒާގެ ރައްޔިތުން ފޮނިކާތަކެތި ބެހުމަށް އަތުރާލައިފައިވާ ތަބަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ޑިސެމްބަރު 2025، 05:00

05 ޑިސެމްބަރު 2025، 05:00

ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ޣައްޒާގެ ރައްޔިތުން، އިޒްރޭލުގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވި "މިލިޝިއާ"ގެ ލީޑަރު ޔާސިރު އަބޫ ޝަބާބު މަރާލުމުން ބުރާސްފަތި ދުވަހު އުފާފާޅުކޮށްފިއެވެ.

އެމީހުން ވަނީ ޔާސިރަށް "އިޒްރޭލާ އެއްބާރުލުން ދިން މީހެއް" ކަމަށް ސިފަކޮށް، "މި ނިމުން އޭނާއަށް ހައްޤު" ކަމަށް ބުނެފައެވެ.

ބުރާސްފަތި ދުވަހު ޔާސިރު އަބޫ ޝަބާބު މަރުވީ "މިލިޝިއާ"ގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައެވެ. ޣައްޒާގައި އިޒްރޭލުގެ އެހީތެރިކަމާއެކު ހަތިޔާރު އެޅި "މިލިޝިއާ"ތައް އުފެއްދުމަށް އިޒްރޭލުން ހަދާފައިވާ ރޭވުންތަކަށް މި ހާދިސާއަކީ ވަރަށް ބޮޑު ހީނަރުކަމެކެވެ.

އަބޫ ޝަބާބަކީ ޣައްޒާގައި ނުބައި ނަމެއް ހިފާފައިވާ ފަރާތެކެވެ. އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކުގައި އޭނާ އިޒްރޭލާ އެއްބާރުލުން ދޭކަން ވަރަށް ގިނަ ބަޔަކަށް އެނގެއެވެ. އޭނާއަކީ އައިއެސްއައިއެސްއާ ގުޅުން ހުރި ހަތިޔާރު އެޅި ގޭންގުތަކުގެ ލީޑަރެކެވެ. އަދި މަސްތުވާތަކެތި އެތެރެކުރުމާއި ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކާ އެއްބާރުލުން ދިނުމުގެ ތާރީޚެއް އޭނާއަށް ވެއެވެ. އިޒްރޭލުގެ ރައްކާތެރިކަމުގެ ދަށުން އޭނާގެ ގޭންގުން އިންސާނީ އެހީގެ ތަކެތި ފޭރިގަންނަކަން ވެސް އެނގެއެވެ. އިޒްރޭލުގެ ބްލޮކޭޑުގެ ސަބަބުން ބަނޑުހައިކަމުގެ ތެރޭގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީގެ ތަކެތި ނުލިބި ހުރުމަށް މިއީ ސަބަބަކަށް ވެފައިވެއެވެ.

އަބޫ ޝަބާބު މަރުވުމާ ގުޅިގެން ޣައްޒާގެ ރައްޔިތުން އުފާފާޅުކުރުމުގެ ގޮތުން ފޮނިތަކެތި ބަހާފައިވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުކޮށްފައިވެއެވެ. އެއް ފޮޓޯއެއްގައި އަބޫ ޝަބާބުގެ މޫނުމަތީގައި ރަތް ކުލައިގެ "އެކްސް" އެއް އަޅާފައިވާއިރު، އޭނާއަކީ "އޫރެއް" ކަމަށް ސިފަކޮށްފައިވެއެވެ.

ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ މިކަމަށް ތަފާތު ރައްދުތައް ދީފައެވެ. އެގޮތުން، ފާޔިދު އަބޫ ޝައްމާލާ އެކްސްގައި ލިޔުއްވާފައިވަނީ "އޭނާ ހަނދާންކުރެވޭނީ ޚިޔާނާތްތެރިއެއްގެ ގޮތުގައި" ކަމަށެވެ. އަނެއް ބޭނުންކުރާ މީހަކު ލިޔެފައިވަނީ "ޔާސިރު އަބޫ ޝަބާބު.. ތާރީޚުގެ ކުނިގޮނޑަށް" ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން