ކުޅިވަރު

ކެރަމް ވޯލްޑް ކަޕް: ފިރިހެނުންގެ ޓީމް އިވެންޓުގެ ތިންވަނަ ހޮވާ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

ކެރަމް ވޯލްޑް ކަޕް: ފިރިހެނުންގެ ޓީމް އިވެންޓުގެ ތިންވަނަ ހޮވާ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

ކެރަމް ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗު / ފޮޓޯ: އެމްސީއޭ

farudhun logo

ފަރުދުން

05 ޑިސެމްބަރު 2025، 04:57

05 ޑިސެމްބަރު 2025، 04:57

މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ ފިރިހެނުންގެ ޓީމް އިވެންޓުގެ ތިންވަނަ ހޮވާ މެޗުން ދިވެހިރާއްޖެއަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެއެވެ. ސެމީފައިނަލްގައި ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުންނެވެ. 

މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގެ ޑަބަލްސް ގޭމްގައި ބަންގްލަދޭޝްގެ އަނީސް އަޙުމަދު އާއި ބާސޫ ދާސްގެ ޕެއާރ އަތުން ރާއްޖޭގެ އާދަމް އަދީލް އާއި އިސްމާއިލް އަޒްމީންގެ ޕެއާރ ވަނީ ސީދާ ދެ ސެޓުން ބަލިވެފައެވެ. މި މެޗުން ބަންގްލަދޭޝްގެ ޕެއާރ މޮޅުވީ 25-9، 23-10 އިންނެވެ.

މި އިވެންޓްގައި ކުޅުނު ސިންގަލްސް މެޗުގައި ރާއްޖޭގެ ޙަސަން ނާޒިމް ވަނީ ބަންގްލަދޭޝްގެ ހެމްއަތު މޮއްލާ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. 

ސިންގަލްސް ދެވަނަ މެޗުގައި ތިން ސެޓަށް ދިގުދެމިގެންދިޔައިރު، ރާއްޖޭގެ އިބްރާހިމް ހުޖާން ޢަލީ އަތުން ބަންގްލަދޭޝްގެ ހަފީޒުއްރަހުމާން މޮޅުވީ 2-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ހަފީޒުއްރަޙުމާން 20-19 އިން ކުރިހޯދިއިރު، ހުޖާން ވަނީ ފޯރިގަދަކޮށްދިޔަ ދެވަނަ ސެޓު 24-23 އިން ކާމިޔާބުކޮށްފައެވެ. އެއަށްފަހު، ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ހަފީޒުއްރަހުމާން މޮޅުވީ 18-13 އިންނެވެ.

މި މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ފައިނަލުގައި ސްރީ ލަންކާ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އިންޑިއާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން